
ރާއްޖޭގެ މިނިވަންކަން ދެމި އޮންނާނީ ސަރުކާރުގެ ނުފޫޒުން ޖަލަށް ލާފައިވާ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެރިކަމަށް ގެނެސްގެން ކަމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ ރައީސް ޔާމީން 2023 ގައި ވެރިކަމަށް ގެނައުމަށް ކެމްޕެއިން ކުރުމުގެ ގޮތުން ދަރުބާރުގޭގައި މިއަދު ފެށި ހޯޕް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވިގޮތުގައި ޖަލަށް ލައިގެން އުޅެނީ ރާއްޖޭގެ މިނިވަންކަމެވެ.
”ބޮޑު ގައުމަކަސް، ކުޑަ ގައުމަކަސް ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ ގައުމިއްޔަތާއި ކުޅެފިއްޔާއި އެބަޔަކާއި ދިމާއަށް ނޫނެކޭ ބުނުމުގެ ހިތްވަރާއި ކެރުންތެރިކަން ރައީސް ޔާމީންގެ ހުންނާނެ. “ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވިގޮތުގައި އިދިކޮޅުން މިވަގުތު ކުރާ އެންމެ މުހިންމު މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރުމެވެ.