ރައްޔިތުންނަށް އެކިއެކި ކަންކަން ކޮށްދެމުން ސަރުކާރުން ކުރާ ކަމަކީ މީގެ ކުރިން ނުއަގުގައި ނަގާފައި ހުރި ދަރަނި އަދާކުރުން ކަމަށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތެއް ކޮށްދިނުން މާ އައުލާކަން ބޮޑު ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. އެ ޓުވީޓަކީ މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އަށް އާޒިމް ރައްދު ދެއްވުމާ ގުޅިގެން ޝިޔާމް ކުރެއްވި ޓުވީޓެކެވެ.
ޝިޔާމަށް އަމާޒުކޮށް އާޒިމް ވިދާޅުވީ ބޮޑު ބަލިމަޑު ކަމެއްގައިވެސް ރައްޔިތުންނަށް އެކިއެކި ކަންކަން ސަރުކާރުން ކޮށްދޭ ކަމަށެވެ.
”ތިޖޫރީ ހުރިތާ އޮތީ ހުސްވަޅުގަނޑެއް. އެ ވަޅުގަނޑު ތެރޭހުރި ކަރުދާހުގަ ހުރީ އަހަރަކު 1 ބިލިއަން ރުފިޔާ ބޭރުގެ އެކިއެކި ފަރާތްތަކަށް ދޭން. މިކުރާކަމަކީ ނުއަގުގަޔާ ނުކަސިޔާރުކޮށް ނަގާފައި ހުރި ދަރަނި އަދާކުރަނީ.“ އާޒިމް ވިދާޅުވިއެވެ.
ތިޖޫރިހުރިތާ އޮތީ ހުސްވަޅުގަނޑެއް . އެވަޅުގަނޑު ތެރޭހުރި ކަރުދާހުގަ ހުރީ އަހަރަކު 1ބިލިއަން ރުފިޔާ ބޭރުގެ އެކިއެކި ފަރާތްތަކަށްދޭން . ބޮޑު ބަލިމަޑު ކަމެއްގައިވެސް ރައްޔިތުންނަށް އެކިއެކި ކަންކަން ކޮށްދެމުން މިކުރާކަމަކީ ނުއަގުގަޔާ ނުކަސިޔާރުކޮށް ނަގާފައި ހުރި ދަރަނި އަދާކުރަނީ.
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) July 29, 2021
އާޒިމް މިގޮތަށް ވިދާޅުވުމާ ގުޅިގެން އާންމުން ވަނީ އޭނާގެ ޓުވީޓަށް ރައްދު ދީފައެވެ. އެގޮތުން އެކަކު ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ އާޒިމަށް ލިބުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އޮތުމުން، އެފަދަ މަންފާއެއް ލިބިފައިވާ ނަމަަ، އެ ފައިސާއިން ދަރަނި އަދާކުރުމަށް ގޮވާލާފައެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަމިއްލަ އިއުތިރާފް އޮތް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ގެންދިޔަ ކަމަށް ބުނާ ދިޔާ ތަކެތީގެ ތަފްސީލް ހާމަކުރުމަށްވެސް އާންމުންގެ މީހަކު އާޒިމަށް ގޮވާލާފައި ވެއެވެ.
މިމަހުގެ ކަރަންޓު ބިލު ބޮޑުވުމާގުޅިގެން މޭޔަރު މުއިއްޒު ކަންބޮޑުވުން ފާޅުކުރެއްވުން އަލީ އާޒިމް ވަނީ އެކަމަކީ ކުރީ ސަރުކާރުން ކުރި ކަމެއް ކަން ދޭހަވާ ގޮތަށް ވާހަކަ ދައްކަވަފާއެވެ. އެ މައްސަލައިގައިވެސް އާޒިމަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.