ފެނާއި ނަރުދަމާ ފޯރުކޮށްދެވުނު ރަށްތަކުގެ އިން ސައްތަ ސަރުކާރަށް އޮޅިއްޖެ
ފެނާއި ނަރުދަމާ ފޯރުކޮށްދެވުނު ރައްތަކުގެ އިން ސައްތަ ސަރުކާރަށް އޮޅިއްޖެ އެވެ.
މި ސަރުކާރުން ބުނާގޮތުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރެވިފައި ވަނީ މަދު ރަށެއްގައެވެ. އެގޮތުން މި ސަރުކާރު އައި އިރު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ނުކުރެވި ގާތް ގަނޑަކަށް %70 ރަށް އެބަހުރި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވިއެވެ.
ނަމަވެސް ކުރިީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުނު އިރު ވަނީ ނަރުދަމާގެ ގިނަ މަޝްރޫތަކެއް ހިންގައި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮއްދީފައެވެ. އެ ގޮތުން ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ނަރުދަމާގެ ހިދުމަތް ފޯރު ކޮށްދެވިފައިވަނީ އާބާދީގެ %37 އަށެވެ. ނަމަވެސް ވެރިކަމުގެ 5 އަހަރު ނިމުނު އިރުވަނީ %80 އަށް ނަރުދަމާ ނިޒާމު ފޯރު ކޮށްދީފައެވެ.
މީގެ އިތުރުން ރައިސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު، ފެނުގެ ނިޒާމުގެ ހިދުމަތް ލިބެމުން ދިޔައީ އާބާދީގެ %25 މީހުންނަށެވެ. ނަމަވެސް ވެރިކަން ނިމުނު އިރު އެ އިންސައްތަ ވަނީ %60 އަށް މަތިވެފައެވެ. އެހެންކަމުން ކުރީސަރުކާރު ނިމުނު އިރު ވަނީ %70 ރަށަށް ވުރެން ގިނައިން ފެނާއި ނަރުދަމާގެ ނިޒާމުގެ ހިދުމަތް ފޯރު ކޮށްދެވިފައެވެ.
ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ނުކުރެވުމަކީ އެކަމުގެ ސަބަބުން ރަށް ރަށުގައި އުޅޭ މީހުންނަށް އެކަމުން ސަބަބުން އެތަކެއް ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމެކެވެ. އެގޮތުން ނަރުދަމާގެ ނިޒާމުގެ ގާއިމް ވެފަ ނެތުމަކީ ފެން ފަށަލަ ތަޢައްޔަރު ވުމަށް ދިމާވާ ސަބަބެކެވެ. އެކަމުގެ ސަބަބުން ސާފު ފެން ލިބުމަށް ދަތިތަކާ ކުރިމަތިލާން ޖެއެވެ.
މީގެ އިތުރުން ފެންފަށަލަ ލޮނުވުމުގެ ސަބަބުން ދަނަޑުވެރިކަމަށް ހުރަސް އެޅެއެވެ. އަދި ފެނުން ދުވާ ނުބައި ވަހުން ގެސް ހައުސް ހިންގާ ފަރާތްތަކަށް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހެވެ.
މީގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ވެފައި ނެތުމަކީ އެކަމުގެ ސަބަބުން ބަލިތަށް ފެތުރޭ ކަމެކެވެ. އެ ގޮތުން ފުރާޅުން ފައިބާ ފެން ރައްކާތެރި ކަމާއެކު ނުނެނގުމުގެ ސަބަބުން ބުޅަލުގެ ނަޖިހުން ބޭރަށް ހިންގުން ޖެހެއެވެ.
ނަރުދަމާ އަދިފެނުގެ ނިޒާމު ގާއިމް ވެފައި ނެތުމަކީ މިފަދަ ގިނަ މައްސަލަ ތަކަކަށް މަގުފަހިވާ ސަބަބެކެވެ. އެހެން ކަމުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަކީ މިފަދަ ގިނަ މައްސަލަތައް ހައްލު ކުރުމަށް ވަރަށް މުހިންމު ކަމެކެވެ.