ޚަބަރުސިޔާސީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާ ރައީސް ސޯލިހު ބައްދަލުކުރައްވައިފި

ހދ.ކުޅުދުއްފުށީގައި ހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިންނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސް ސޯލިހް މިހާރު ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައެވެ.

މިބައްދަލުކުރެއްވުމުގައި، ކުޅުދުއްފުށި ސިޓީއަކީ މުޅި ރީޖަންގައި މުހިންމު ސިޓީއެއް ކަމަށާއި، އަދި ވަކިން ޚާއްޞަކޮށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތް މަތިކުރުމަށް ޚާއްޞާ ސަމާލުކަމެއް ސަރުކާރުން ދެއްވާނެކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

މިއަދު ހަވީރު ބޭއްވި މި ބައްދަލުކުރެއްވުމުގައި ކޭއާރްއެޗްގެ އިސްވެރިންވަނީ އެހޮސްޕިޓަލްގެ ޚިދުމަތްތައް ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތް މުޅި އަތޮޅުގެ ރައްޔިތުން ބަލައިގަންނަކަން ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން މިހާރަށް ހޮސްޕިޓަލުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސް ސޯލިހާއި މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި ޕްރައިވެޓް ރޫމް ހުރުމުގެ މުހިންމުކަމާއި، އަދި އޯޕީޑީގައި ހުރި ދަތިތަކާއި ކޮވިޑް ފެސިލިޓީއެއް ހުރުމުގެ މުހިންމުކަން ހޮސްޕިޓަލުގެ ފަރާތުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހްވަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ހުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެކަމުގެ ސަބަބުން ސިއްހީ ހިދުމަތަށް މާލެއަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަވެގެން ދާނޭ ކަމަށާއި، އިތުރު އެތައް ފައިދާތަކެއް ލިބޭނެ ކަމަށް، ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަވެސް މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ހިއްސާކުރެއްވިއެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން މިހާރު ހދ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އިތުރު ދެރަށަކަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ހދ.ހަނިމާދޫ އަދި ހދ.ކުމުންދޫއަށް ވަޑައިގަންނަވާނޭ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button