އެމްޑީޕީއާ ޕީޕީއެމް ގުޅުމަކީ ޕާޓީ ނިޒާމްގެ ނިމުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ކުރިއެރުމަށާއި ވެރިކަމުގެ ނިޒާމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ޕީޕީއެމާ އެމްޑީޕީ ދެފަޅީގައި މަސައްކަތް ކުރުން ކަމުގައެވެ.
”އެއްބަޔަކު އަނެއް ބަޔަކު ކުރާ ކަންތަކަށް ސުވާލު ކުރެވި ފާޑު ކިޔެން ޖެހޭނެ. އެއާ ހިލާފަށް މި ދެ ޕާޓީ އެކުވެއްޖެއްޔާ ރާއްޖޭގަ މިއޮތް މަލްޓި ޕާޓީ ނިމުމަކަށް އައުމުގެ ބިރުވެރިކަން އެބައޮތް.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި އެ ދެޕާޓީ އެކުގައި މައްސަކަތް ކުރަން ޖެހޭ ފަދަ މޭރުމަކުން އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވާހަކަ ދެއްކެވުމަކީ އެމްޑީޕީގެ ނިންމުމެއް ނޫނެވެ.
އެމްޑީޕީއިން ކަންކަން ނިންމާނެ ގޮތް އެޕާޓީގެ އަސާސީ ގަވައިދުގައި އެބައޮތް ކަމަށާއި އެފަދަ ނިންމުމެއް އެޕާޓީގެ ގުނަވަނަކުން ނުނިންމާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް ނިންމަން ޕާޓީގެ ގުނަވަނަކަށް ހުށަހެޅުނަސް އެކަމަށް ތާއީދު ނުކުރައްވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
”އެހެނެއް ނޫން. އެކަކު އަނެކަކާ އެކު މަސައްކަތް ކުރެވިދާނެ. ރައީސް ނަޝީދު ރައީސް ޔާމީނާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅު ވަންޏާ އެކަން ކުރެވިދާނެ. އެއީ ކޮންމެ ބޭފުޅަކަށްވެސް އޮތް ފުރުސަތެއް. އެކަމަކު މި ދެ ފިކުރު އެކުގައި މަސައްކަތް ކުރުމަކީ ސިޔާސީގޮތުން އެންމެ ފައިދާ ހުރި ގޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން.“ ރައީސް ވިދާޅުވިއެވެ.
ޕީޕީއެމާއެކު ސިޔާސީ މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދެވެ. އެކަމަކު ޕީޕީއެމުން ވަނީ އެ ހުށަހެޅުން ބަލައި ނުގަންނަން ނިންމާފައެވެ.