އެންމެ ގާތް ބޭފުޅާގެ ގޮތުގައި މަޖިލިސް ރައީސް ނަޝީދު ދައުވާ ކުރައްވަމުން އައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ދެބޭފުޅުން މިހާރު އެތިއްބެވީ މުޑިއަރާފައި ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ”ފަލަ ސުރުޚީ“ ޕްރޮގްރާމްގައި ބައިވެރިވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މޫސަ ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ފަހަތްޕުޅަށް ރައީސް ނަޝީދު ނާރުއްވައިއިފިނަމަ އެމަނިކުފާނު ޕާޓީއިން ކަނޑާލަން ޖެހޭ ކަމުގައެވެ.
”އެންމެގާތް މީހާކަމަށް އަބަދު ދައުވާކުރަމުން އައި ރައީސް ސޯލިހު އާއި ދެބޭފުޅުން މިހާރު އެތިބީ މުޑިއަރާފަ.ރައީސް ސޯލިހުގެ ފަހަތްޕުޅަށް ރައީސް ނަޝީދު ނާރުއްވައިއިފިނަމަ އެމަނިކުފާނު ޕާޓީއިން ކަނޑާލަން ޖެހޭ“ މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ބަރުލަމާނީ ތަޅާފޮޅުން އެމްޑީޕީއަށް މިވަގުތު މުހިންމު ނޫން ކަމަށެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި ރައީސް ނަޝީދުގެ ވާހަކަފުޅުން އެނގެނީ އެމްޑީޕީ އަށް ލޯބި ނެތްކަމެވެ. އަދި ނަޝީދު އުޅުއްވަނީ އިހުޒަމާނުގައި ސީދީއިން އުޅުއްވި ގޮތަށް ކަން މޫސަ ފާހަގަކުރެއްވިއެވެ. ނަޝީދަށް ކިރިޔާވެސް އޮތިއްޔާ އޮތް އިހްތިރާމެއް ހިނގައްޖެ ކަމުގައި މޫސަ ވަނީ ވިދާޅުވެފައެވެ.
2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހުއަަށް ދެވަނަ ދައުރެއް ދިނުމާއިމެދު މޫސަ ވިދާޅުވީ ޕްރައިމަރީ އަކާއި ނުލާ އެމަނިކުފާނަށް ދެވަނަދައުރެއް ދޭން ޖެހޭކަމަށެވެ. އެހެން ނަމަވެސް ރައީސް ކަމަށް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ރައީސް ނަޝީދު ޤަބޫލުފުޅު ނުވާ ކަމަށް މޫސަ ވިދާޅުވިއެވެ.
”ރައީސް ސޯލިހު ދެވަނަ ދައުރަކަށް ދާން ނަޝީދު ޤަބޫލުފުޅު ނުވަނީ. ކަރަށް ވަޅިހަރާ ހިސާބުގަ އެތިބީ. އަޅުގަނޑު މީ ފައްޔާޒު ނަމަ އަސާސީ ޤަވާއިދުގަ ނިންމާނީ ޕްރައިމަރީ ނުބާއްވަން.“ މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވިގޮތުގައި ރިޔާސީ ރޭހަށް ރައީސް ނަޝީދު ނުކުމެ ވަޑައިގެންފިނަމަ އެ އޮތީ އެހެން މީހަކަށް ފުރުސަތު ދެވިފައެވެ. އަދި ނަޝީދު ނޫން ބޭފުޅަކަށް ރައީސް ސޯލިހުއާއި ވާދަކުރަން ކެރިދާނެހެން ހީނުވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު މިހާރު ބޭނުންފުޅުވަނީ ބޮޑުވަޒީރުކަން ހިއްޕަވައިގެން ކޮންމެވެސް ގޮތަކުން ވެރިކަމަށް ވަޑައިގަންނަވަން ކަމަށް މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ އަސާސްތަކާއި، އެ ޕާޓީގެ ނަގަހައްޓަމުން އައި އެތައް ކަންކަމެއް ބަދަލުވެފައިވާކަމާއި، މިކަން މި ބީދައިން ހިނގައި ދިޔުމުގެ ޒިންމާ ނަންގަވަންޖެހޭ ފަރާތަކީ ރައީސް ނަޝީދުކަން ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީއަކީ އަނިޔާ އާއި ދެކޮޅު ޕާޓީއެއް ކަމަށް ނަޝީދު ވިދާޅުވެ އޭނާ އަށްވެސް އެޕާޓީއިން ދިނީ އަނިޔާ ކަމަށެވެ.
”އަނިޔާ އާއި ދެކޮޅު ކަމަށް ނަޝީދު ބުނާއިރު އަޅުގަނޑަށްވެސް ދިނީ އަނިޔާ. އަޅުގަނޑު މިއީ ރައީސް ނަޝީދުގެ ނަފްސު ސަލާމަތް ކުރުމަށްޓަކާ އަނިޔާލިބުނު މީހެއް. އެކަމަކު އަޅުގަނޑު އެ ޕާޓީން ނެރެގެން ދިޔައީ. ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާ ރައީސް ސޯލިހުއަށްވެސް ދިނީ އަނިޔާ. ރައީސް ޒިނޭކުރާ 4 ގަނޑު ފޮޓޯ އެބައޮތޭ ކިޔައިގެން، މިއަށްވުރެ ބޮޑުއަނިޔާއެއް ކޮބައިތޯ؟“ މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ މީހަކު ރުޅި އަންނަ ހާލަތެއްގައިވެސް ދައްކަންވާނެ ވާހަކަ ހުންނާނެ ކަމަށާއި، އެފަދަ ވާހަކަ ދެއްކުމުން އަނބިދަރިންނަށް މޫނު ދައްކާނުލެވޭނެ ކަމަށާއި، އެއީ މީހަކު ގެންގޮސް ކުޑަގޮޅިއަށް ލުންފަދަ ކަމެއް ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުންގަނޑު ބޮޑުވެފައިވާއިރު، ރައީސް ނަޝީދު އިސްވެ ހުންނަވައި ބަރުލަމާނީ ނިޒާމު ގެނައުމުގެ މަސައްކަތް ފެއްޓެވި ނަމަވެސް ރައީސް ސޯލިހު އެކަމާ ދެކޮޅެވެ. ކުރިއަށް ހިނގަމުންދާ އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ސޯލިހު މިއަދުވެސް ވިދާޅުވީ އެމަނިކުފާނު ހުންނެވީ ކޯލިޝަނަކާއި އެކު 2023ގައި ވެރިކަމަށްވަޑައިގަންނަވާ ގޮތަށް ކަމަށެވެ.
މޫސާ ކަލޭ ތިބީދައިން ވާހަކަދައްކާކައް ލަދެއްވެސްނުގަނޭތަ
Reeko dharani dharani bolu