ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި މާލޭގެ ހުޅަނގު ފަރާތުގައި ގާއިމްކޮށްފައިވާ އިންޑަސްޓްރިއަލް ވިލެޖް ގެ ބޭނުން ހިފާނީ މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.އމުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ބޮންތި“ އަށް ދެއްވި އިންޓަވިއުގައި މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑަސްޓްރިއަލް ވިލެޖް ގާއިމްކުރީ މީހުން ދިރިއުޅޭ ސަރައްހައްދުގައި ހުރި ސިނާއީ މަސައްކަތް ކުރާ ތަންތަން، އެތަނަށް ކުރުމަށެވެ. އަދި މިފަދަ ތަންތަން މީހުން ދިރިއުޅޭ ސަރައްދުގައި ހުރުމުގެ ސަބަބުން އާންމުނަށް އެތަކެއް ދަތިތަކާއި ކުރިމަތިވާކަމާއި، މީގެ ކުރިން ވެސް ހިތާމަވެރި ހާދިސާތައް ހިނގާފައި ހުރިކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
”އާންމު ރައްޔިތުންނަށް އަސްލު ވަރަށް އުނދަގޫތަކާއި ކުރިމަތިވޭ އެފަދަ ތަންތަން މީހުން ދިރިއުޅޭ ތަންތާގަ ހުންނާތީ. ކެމިކަލާއި ގެރި ގުއި ފަދަ އެއްޗެހި ރައްކާކޮށްފަ ހުން ގުދަންތަކުން ވަރަށް ނުބައި ވަސް ދުވޭ“ މުއިއްޒު ވިދާޅުވިއެވެ.
މާލޭ ސިޓީ ކައުންސިލުން އިންޑަސްޓްރިއަލް ވިލެޖް މި ގޮތަށް ތަރައްގީ ކުރަން ބޭނުން ކަމުގައި ވީނަމަވެސް މިހާރުގެ ސަރުކާރުން އެތަން ތަރައްގީ ކުރަން ބޭނުން ވަނީ ކުޅިވަރު ކުޅޭ ސަރަހައްދެއްގެ ގޮތުގައިކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް އިންޑަސްޓްރިއަލް ވިލެޖް ވަގުތީގޮތުން ބޭނުން ކުރުމުގައި ސަރުކާރާއި ސިޓީ ކައުންސިލާއި އެއްވެސް ހިޔާލު ތަފާތުވުމެއް ނެތްކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. މުއިއްޒު ވިދާޅުވީ ތިލަމާލެ ބްރިޖް އަޅާކަމުގައި ވާނަމަ އިންޑަސްޓްރިއަލް ވިލެޖް ބޭނުން ކުރަން ޖެހޭނީ ސައިޓެއްގެ ގޮތުގައި ކަމަށެވެ.
”ތިލަފުށީ ބްރިޖް އަޅާކަމުގައިވާނަމަ އިންޑަސްޓްރިއަލް ވިލެޖް އެއްކޮށް ބޭނުން ކުރަން ޖެހޭނީ އެކަމުގެ ސައިޓެއްގެ ގޮތުގަ. އަޅުގަނޑުމެން ސިނަމާލެ ބްރިޖް އެޅިއިރު ވެސް އުސްފަސްގަނޑާ އެ ސަރަހައްދު އެއްކޮށް ބޭނުން ކުރީ ސައިޓެއްގެ ގޮތުގަ.“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރާއި ސިޓީ ކައުންސިލުގެ ޕްލޭން ތަފާތު ވީނަމަވެސް މަސައްކަތް ކުރާނީ ރައްޔިތުން ބޭނުންވާގޮތެއް އޮޅުންފިލުވުމަށްފަހު އެގޮތަކަށް ކަން ކުރުމަށްކަމަށެވެ.