ޚަބަރުސިޔާސީ

މި ސަރުކާރުން ކުރިހާވެސް ކަމަކީ ރައީސް ޔާމީނަށް ހުކުމް ކުރުމަށްފަހު އަޅުގަނޑުގެ ފަހަތުން ދުވުން: މަހުލޫފް

މި ސަރުކާރުން ކުރިހާވެސް ކަމަކީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލަށް ލުމަށްފަހު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ފަހަތުން ދުވުން ކަމަށް ދޭހަވާފަދަ މޭރުމަކުން މަހުލޫފު ވާހަކަ ދައްކަވައިފިއެވެ.

މަހްލޫފް މިހެން ވިދާޅުވީ ކްލަބް ހައުސްގައި، 800 އަށް ވުރެ ގިނަ މީހުންނާ އެކު މޫސާ އަންވަރުގެ ރޫމްގައި ބޭއްވި ”ހޫނު ގޮނޑި“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. މި މައްސަލަ އާއި ބެހޭގޮތުން މަހްލޫފަށް ވަރަށް ގިނަ ސުވާލުތަކެއް އަމާޒުވިއެވެ.

މަހުލޫފު ވިދާޅުވިގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރީ އެމްޑީޕީގެ މަޖިލީހުގެ އިސް ބަޔަކު އަޑީގައި ތިބިގެންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓް ނެރުނު އިރު، އެސްއޯއެފް އިން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތެރޭގައި މަހުލޫފް ހިންގާފައިވާ މުއާމަލާތެއް ވެސް ހިމެނެ އެވެ.

އެ މައްސަލާގައި މަހުލޫފްގެ މައްޗަށް ދައުވާ ކުރަން ފޮނުވަމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނިގޮތުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި އޭނާ ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި، ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި 33,000 ޑޮލަރު އޭނާއަށް ވަނީ ލިބިފަ އެވެ. އޭގެ އިތުރުން، އެސްއީޒެޑް ބިލް ފާސްކުރަން ވޯޓު ދެއްވުމަށް އޮގަސްޓް 27، 2014 ގައި މަހުލޫފު ވަޑައިގަތީ ސީދާ މެލޭޝިޔާ އިން ވޯޓަށް ކަމަށް ވެސް އެ ކޮމިޝަނުން ތުހުމަތު ކުރެ އެވެ.

މަހުލޫފް ވިދާޅުވީ އޭނާ ހުރި މަގާމުގެ ގޮތުން ހުރިހާ މުއައްސަސާއެއް ގުޅިގެން ނަމަވެސް ވީހާ ވެސް އަވަހަށް އެ މައްސަލަ ނިންމަން ޖެހޭ ކަމަށެވެ. ފުލުހުންނާއި އޭސީސީއަށް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަނަށް ދެ އަހަރާ ބައި ވެގެންދާއިރުވެސް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

”ދެ އަހަރާއި ބައި ނިމިގެން ދިޔައިރު ވެސް އެއްވެސް ކަމެއް ނުވި. ރައީސް ޔާމީނަށް ހުކުމެއް ކުރުން ފިޔަވައި ދެން އަހުމަދު މަހުލޫފްގެ ފަހަތުން ދުވުން މި މީހުންގެ ކަމަކީ.“ މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ ވަޒީރު ކަމުގެ މަގާމުން ވަކިވާން ޖެހުނަސް އެހެން ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި 2023 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަ ކުރައްވައިފި ނަމަ ހުންނަވާނީ އެމަނިކުފާނާ އެކުގައި ކަމަށް މަހުލޫފް ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button