ގަލޮޅު ދަނޑު ތަޅާލާނީ ހުޅުމާލެ ޓްރެކުގައި ދަނޑެއް އެޅުމަށްފަގު: މަހްލޫފް

ގަލޮޅު ރަސްމީ ބޯޅަދަނޑު ތަޅާލާނީ ހުޅުމާލެ ޓްރެކްގައި ދަނޑެއް ތަރައްގީކޮށް ފައްކާ ކުރުމަށްފަހު ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
އިއްޔެގެ ރައްޔިތުންގެ މަޖްލީހުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ގަލޮޅު ދަނޑު ބަންދުކޮށް މަރަމާތުކުރާ އިރު ހުޅުމާލޭގެ ދަނޑު ތައްޔާރުވެފައިވޭތޯ އާއި ހުޅުމާލޭގައި ކުޅިވަރުގެ ވަސީލަތްތައް ހުޅުމާލޭގައި އޮތް ޕްލޭނަކީ ކޮބައިތޯ އެއްސެވުމުން މިނިސްޓަރ ވިދާޅުވީ ގަލޮޅު ދަނޑު ތަޅާލާނީ ހުޅުމާލެ ޓްރެކް ސަރަހައްދުގައި ދަނޑެއް ތަރައްގީކުރުމަށްފަހު ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ޓްރެކް ސަރަހައްދުގައި ފެންވަރު ރަނގަޅު ޕިޗެއް ހަދަންޖެހޭ ކަމަށެވެ. އަދި އެތަނުގައި ލައިޓްވެސް ހަރުކުރަންޖެހޭނެ ކަމަށާއި، ގަލޮޅުދަނޑުގެ އެންމެ ސިޑިބަރިއެއްވެސް ތަޅާލާނީ އެކަންކަމަށް ދާނެ ހަރަދު ބަލާފައިކަމަށެވެ. އަދި މިހާރު ހަރަދު ހިސާބުކުރުމުގެ މަސައްކަތް ކުރިއަށްދަަ ކަމަށާއި، ހުޅުމާލެ ޓްރެކް ސަރަހައްދުގެ ދަނޑުގެ މަސައްކަތް މިއަހަރުތެރޭ ހަވާލުކުރެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލޭގައި ކުރަން ރާވާފައިވާ ބައެއް މަސައްކަތްތައް ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފްލެޓެއްގެ ތެރޭގައި ޒުވާނުންގެ މަރުކަަޒެއް ގާއިމުކުރުމަށް އެމިނިސްޓްރީއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ދެ ވަނަ ފިޔަވަހީގައި އައުޓް ޑޯ ވޮލީ އަދި ހޭންޑް ބޯލް ފަދަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ގާއިމްކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.