
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ލޮބުވެތި މަންމާފުޅު މިއަދުގެ ހެނދުނުގެ ވަގުތެއްގައި ސްރީލަންކާގައި އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ޔާމީނަށާއި، އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފިއެވެ.
ރައީސް ނަޝީދު ފޮނުއްވެވި ތައުޒިޔާގެ މެސެޖުގައިވަނީ ރައީސް ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވުމުގައި ހިތާމައިގައި އާއިލާއަށް ތައުޒިޔާ ދަންނަވަމުން އެކަމަނާގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި މާތްﷲ އަށް ދުއާ ދަންނަވާފައެވެ.
Ma. Kaamineege Dhon Seedhi ge huvafaiy an’bikanbalun Raees Yameen ge mamma, Fathimath Hassan avahaaravumuge hithaamaiga aailaa ah ikhlaastheri thauziyya dhannavan. Maaiy Allah marhooma ah suvaruge minvaru kuravvashi. Aameen
— Mohamed Nasheed (@MohamedNasheed) July 31, 2023
އުމުރުން 86 އަހަރުގައި ފާތިމަތު ހަސަން އަވަހާރަވެފައިވަނީ އާލަސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން މިއަދު ހެނދުނުގެ ވަގުތެއްގައި އަވަށްޓެރި ސްރީލަންކާގައެވެ.
އަވަހާރަވީއިރު ދިރިއުޅުއްވަމުން ގެންދެވީ ރައީސް ޔާމީންގެ ކޮއްކޯފުޅު މުސްލިމާ އަބްދުލްގައްޔޫމް އަރިހުގައި ސްރީލަންކާގައެވެ.
ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާނަމާދަށްފަހު ސްރީލަންކާގެ ޖާވަތަ ޖުމްމަ މަސްޖިދުގައެވެ.