ޚަބަރު

ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާ މިރޭ އިޝާނަމާދަށްފަހު

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް، ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މަންމާފުޅު ފާތުމަތު ޙަސަންގެ ޖަނާޒާ މިރޭ އިޝާނަމާދަށްފަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޢުމުރުން 86 އަހަރުގައި ފާތިމަތު ޙަސަން އަވަހާރަވެފައިވަނީ އާލަސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން މިއަދު ހެނދުނުގެ ވަގުތެއްގައި އަވަށްޓެރި ސްރީލަންކާގައެވެ.

އަވަހާރަވީއިރު ދިރިއުޅުއްވަމުން ގެންދެވީ ރައީސް ޔާމީންގެ ކޮއްކޯފުޅު މުސްލިމާ އަބްދުލް ޤައްޔޫމް އަރިހުގައި ސްރީލަންކާގައެވެ.

ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާނަމާދަށްފަހު ސްރީލަންކާގެ ޖާވަތަ ޖުމްމަ މަސްޖިދުގައެވެ.

ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވިއިރު، އެމަނިކުފާނު މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިނުގަތުމަކީ ވަރަށް ބޮޑަށް ހިތާމަ ކުރާކަމެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ ދެމަހެއްހާ ދުވަހު ރައީސް ޔާމީން އެންމެ ބޭނުންފުޅުވެ ވަޑައިގެންނެވީ ޝަރީޢަތުގެ މަރުހަލާތައް އަވަހަށް ނިމި، ޖަލު ހުކުމުން މިންޖުވެވަޑައިގެން، މަންމާފުޅުގެ އަރިހަށް ޒިޔާރަތްކޮށް ބައްދަލު ކޮށްލެވޭނެ ގޮތެއް ވުން ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝިޔާޒު މިއަދު ވިދާޅުވެފައިވާއިރު، ކަރެކްޝަންސް އިން ބުނީ އާއްމު އުސޫލެއްގެ ގޮތުން ރާއްޖޭގައި ގައިދީއެއްގެ އާއިލާ ބޭފުޅެއް ނިޔާވެއްޖެ ނަމަ ޖަނާޒާގައި ބައިވެެރިވުމުގެ ފުރުސަތު ދޭކަމަށެވެ.

One Comment

  1. ޔާމިނުވެސް، ޔާމިނުއާއި ހިތާވެގެންއުޅޭ އެކަކުވެސް އެދިފައެއްނުވޭ ޖަނާޒާއައް ދާން، ނޫނީ ގެންދާކައް.. އާންމުއުސޫލުން އެދުނުނަމަ ވީއެންމެ އަވަހަކައް ހުއްދަދިނުމައް ނިންމާފަ އޮތީ.. ޔާމިނުއަކީ ރަޙްމެއްހުރި މީހެއްނަމަ ކީއްވެ ލޯބިވާ މަންމަގެ ޖަނާޒާއައް ނުދިޔައީ… ދިވެހިންނައް ފެނިފައޮތީ ބޭބޭފުޅު މުސްކުޅިވީދުވަހު ޖަލައްލާ ބިކަކޮއްލި މީހެއްގެ ރަޙްމެއް އޮންނާނެތަ..

Leave a Reply

Your email address will not be published. Required fields are marked *

Back to top button