
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ލަފާފުޅުގެ މަތިން ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ޕީއެންސީ އިން ވަކި ކެނޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ފަށައިފިއެވެ.
އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން މިފަދައިން ނިންމެވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަކުރެވޭނެ ކަމާ މެދު ސުވާލު އުފެދިފައިވާތީއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ޕީއެންސީން ކެނޑިޑޭޓަކު ނެރެން ލީޑާޝިޕަށް އަންގަވައިފައިވަނީ ސީދާ ރައީސް ޔާމީންއެވެ.
އިދިކޮޅު ކޯލިޝަނުން ބުނިގޮތުގައި އެ ކޯލިޝަނުގެ ވިސްނުމަކީ ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމުގެ އިތުރަށް ޕީއެންސީން ކެންޑިޑޭޓަކާއި ރަނިން މޭޓު ކަނޑައަޅައި އެ ފޯމު ހުށަހެޅުމެވެ. އެގޮތަށް ނިންމީ ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމު ބަލައިނުގެންފިނަމަ ޕީއެންސީގެ ކެނޑިޑޭޓާއި ރަނިން މޭޓާއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ބޭނުމުގައި ކަމަށް އެ ކޯލިޝަނުން ބުނެއެވެ.
އިންތިޚާބަށް ކުޑަތަންވެފައި ވަނިކޮށް ޕީއެންސީން ވަކިން ރިޔާސީ ކެނޑިޑޭޓެއް ނެރުމުގެ މަޝްވަރާ އިދިކޮޅުން ފަށާފައިވާއިރު ކުރީގެ ރައީސް ނަޝީދުގެ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް ވުމަށް ރައީސް ނަޝީދު ވަނީ ރޭ ޕީޕީއެމްއަށް ދަޢުވަތު ދެއްވާފައެވެ.
މިކަމާއި ގުޅިގެން އިދިކޮޅު އިއްތިހާދުގެ ފަރާތްތަކުން ބުނެފައިވަނީ އެކަމާ މެދު ގޮތް ނިންމަވާނީ ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީން ކަމަށެވެ. ހަމައެއާއިއެކު އިދިކޮޅު ކޯލިޝަނުން ތަކުރާރުކޮށް ބުނެފައިވަނީ އިދިކޮޅުން އެއްވެސް ބައެއްގެ ފަހަތަށް ނާރާނެ ކަމަށާއި، އެ ކޯލިޝަނުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނީ ވަކިންކަމަށެވެ. އަދި އެ ކޯލިޝަނާއިއެކު ކުރިއަށްދާން ބޭނުންވާ ހުރިހާ ފަރާތްތަކާއިއެކުވެސް މަސައްކަތް ކުރާނެކަމަށް އިދިކޮޅުން ވަނީ ހާމަކޮށްފައެވެ.