
ރައީސް ޔާމީނަށް ވާދަނުކުރެވޭ ނަމަ، ޕީޕީއެމުން ކެންޑިޑޭޓެއް ނެރެވޭގޮތް ހަދައިދޭން އެދިއްޖެ
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންތިހާބުގައި ވާދަ ނުކުރެވިދާނެ ހާލަތެއް އައިސްފި ނަމަ، ޕީޕީއެމުން ކެންޑިޑޭޓެއް ނެރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ކޯޓުގައި އެދިއްޖެ އެވެ.
އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީން ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ކަނޑައެޅި މައްސަލައިގެ ދުސްތޫރީ އަޑުއެހުމުގައި މިއަދު ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވަމުން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ހަމްޒާ ލަތީފް ވަނީ އެކަން ހުށަހަޅުއްވާފައެވެ.
އެގޮތުން ހަމްޒާ އެދިވަޑައިގަތީ ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރުމަށް ފުރުސަތު ފަހިކޮށްދިނުމަށް އީސީގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ. އަދި އެކަމުގައި އީސީއިން އިއުތިރާޒު ނުކުރާކަން މިއަދުގެ ޝަރީޢަތުގެ އަޑު އެހުމުން އެނގިގެން ދިޔައެވެ.
އިންތިހާބާށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާއިރު ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން ބުދަ ދުވަހު އޮންނާނެއެވެ.