
ނިޤާބަށް ރައީސް އިބްރާހިމްގެ ސަރުކާރުން ހުރަސް އެޅުމަކީ ހަރުކަށި ފިކުރުގެ ވިސްނުމެއް ކަމުގައި އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރޭ އެމްއެންޕީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމްގެ ސަރުކާރުން ނިޤާބަށް ހުރަސް އެޅުމަކީ ހަރުކަށި ފިކުރުގެ ވިސްނުމެއްގޮތުގައި ސިފަކުރައްވާ ނާޒިމް ވިދާޅުވީ އަންހެނުން ތަޢުލީމު ހާސިލް ކުރުމަށް ހުރަސް އެޅުމަކީ އޭނާ ޤަބޫލުފުޅު ނުކުރައްވާ ކަމެއްކަމަށެވެ. އަދި އަންހެނުންނަށް ޓާގެޓް ކޮށްގެން ސިޔާސަތުތައް އެކުލަވާނުލާން އެނާ ގޮވާލެއްވިއެވެ.ޅާ އަންހެނުންގެ ވަޒީފާއަށް ހުރަސްއަޅާ އެކަހެރި ކުރުމަކީ ހަމަހަމައެއްނެތް ހަމައެކަނި އަންހެނުންނަށް ޓާގެޓު ކުރާ ބޯދާ ވިސްނުމެއްކަމަށާއި، އެކަން އެގޮތަށް ކުރެވިގެން ނުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިޒަމާނުގައި އަންހެނުންގެ އައިޑެންޓިފިކޭޝަނަކީ މައްސަލައަކަށް ވާނަމަ އެކަން ހައްލު ކުރެވޭނެ ގޮތްތަށް ހުންނާނެ ކަމަށެވެ. އަދި ކްލާސްރޫމުގައި ކިޔަވައި ދެވޭނެ ގޮތްތައްވެސް ހަމަ ޖެއްސޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ހަމައެކަނި އަންހެން ކުދިންގެ ކުލާސްތަކަށް ވެސް ކިޔަވައި ދެވޭނެކަން ނާޒިމް ފާހަގަ ކުރެއްވިއެވެ. އަދި ޤާނޫނާއި ޚިލާފު ކަމެއްކުރާނަމަ ހުއްޓުވާނެ ކަމާއި ނަމަވެސް ހަމައެކަނި ހެދުން އަޅާގޮތް އެކަހެރި ކުރެވިގެން ނުވާނެ ކަމަށެވެ. އަދި ނިޤާބު އަޅާ މީހުންނަށް ތަޢުލީމު ޙާސިލް ކުރުމަށް ހުރަސް އެޅޭގޮތަށް އަދި ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް ވަޒީފާ އަދާ ނުކުރެވޭ ގޮތަށް ޤަވައިދުތައް ނުހެދޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
”ނިޤާބު އަޅާ އަންހެނުންގެ ވަޒީފާއަށް ހުރަސްއަޅާ އެކަހެރި ކުރުމަކީ ހަމަހަމައެއްނެތް ހަމައެކަނި އަންހެނުންނަށް ޓާގެޓު ކުރާ ބޯދާ ވިސްނުމެއް، އެކަން އެގޮތަށް ކުރެވިގެން ނުވާނެ، އަންހެނުން ތަޢުލީމު ހާސިލް ކުރުމަށް ހުރަސް އެޅުމަކީ ޤަބޫލުކުރެވޭ ކަމެއްނޫން.“ ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ އަންހެނުންނެކޭ އެއްފަދައިން ޒުވާނުންނަށް ވެސް ވަރަށް ޚާއްޞަ އަހަންމިޔަތުކަމެއް ދޭ ކަމަށެވެ.
ރައީސް އިބްރާހިމްގެ ސަރުކާރުން މޫނުބުރުގާ އެޅި އަންހެނުންނަށް ކުރިމަތިކުރުވާ ހުރަސްތަކާއި ގުޅިގެން އެ ފަރާތްތަކުގެ ޙައްޤުގައި ހޮނިހިރު ދުވަހު އިޙްތިޖާޖެއް ކޮށްފައިވާއިރު، މޫނުބުރުގާ އަޅާ ކަނބަލުންގެ ދިފާޢުގައި ކުރިއަށްދިޔަ އިޙްތިޖާޖް ބާއްވާފައިވަނީ ޓީޗަރުންނަށް މޫނު އަޅައިގެން ކިޔަވައިދިނުން މަނާ ކުރާތީ އާއި ވަޒީފާގެ ފުރުޞަތުތަކުން އެ ކަނބަލުން މަޙުރޫމް ކުރަމުންދާތީއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އާ އުސޫލު އާންމުކޮށްފައިވާއިރު، އެ އުސޫލުގައިވަނީ މޫނުބުރުގާ އެޅުން މަނާކޮށް ކިޔަވައިދެވޭނީ ކާކުކަން އެނގޭ ގޮތަށް ކަމަށް ހިމަނާފައެވެ.
މިކަމާއިގުޅިގެން ކުރި އިޙްތިޖާޖްގެ ޑިމާންޑެއްކަމަށް ބުނެފައިވަނީ މޫނު ބުރުގާ އަޅައިގެން ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވުމާއި ތައުލީމް ދިނުމަށް ހުރަސް އެޅިދާނެ ގޮތަށް ދެމާނަ ދޭހަވާ ގޮތަށް އޮތް މާއްދާ އުވާލައި ސާފު ނައްސުން މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރި ވެވޭނެ ކަމާއި ތަޢުލީމް ދެވޭނެކަމަށް އުސޫލުގައި ބަޔާންކުރުމެވެ.
barabarub vvv rangalhu vahaka eh islaahu kolla dheviyya v rangalhu. komme veri aku ayass ti vahaka dhakkaigen. bill husha halhuvvaigen