އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ރައީސް އިބްރާހިމްގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަރުގަދަ އިންޒާރެއް ދީފިއެވެ.
ފައްޔާޒް މިފަދަ އިންޒާރެއް ދީފައިވަނީ ރައީސް އިބްރާހިމް ރިޔާސީ ކެމްޕޭނަށް އަތޮޅުތެރެއަށް ކުރައްވަމުންދާ ދަތުރުތަކުގައި ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލާ މުޒާހަރާ ކުރަމުންދާތީ އެކަމަށް އިޝާރާތްކުރައްވަމުންނެވެ.
އެގޮތުން އެމްޑީޕީ ކެމްޕޭނަށް ހުރަސް އަޅަން މަސައްކަތް ނުކޮށް އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ރީތި ގޮތުގައި ކެމްޕޭން ކުރުމަށް ފައްޔާޒް ވަނީ ގޮވާލައްވާފައެވެ. އަދި ރައީސް އިބްރާހިމަކީ ހިތްތިރި ބޭފުޅަކަށްވިޔަސް އަޅުގަނޑުމެންނަކީ ހިތްތިރި ބައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އަޅާނަމަ، ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅަށް ކެމްޕޭން ނުކުރެވޭ ވަރު ކުރާނެކަމުގެ އިންޒާރު ފައްޔާޒް ވަނީ ދީފައެވެ.
”ރައީސްއަކީ ހިތްތިރި ބޭފުޅަކަށްވިޔަސް އަޅުގަނޑުމެންނަކީ ހިތްތިރި ބައެއް ނޫން. އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އަޅާނަމަ، ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅަށް ކެމްޕޭން ނުކުރެވޭ ވަރު ކުރާނަން.“ ފައްޔާޒް ވިދާޅުވިއެވެ.
ރޭ ފުވައްމުލަކުގައި ބޭއްވި އެމްޑީޕީގެ ”އުފާވެރި އަމާން ރާއްޖެ“ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އޮޑި ނުފެތޭނެ ކަމަށާއި އެމްޑީޕީގެ އަޒުމެއް ވެސް ގުޑުވާނުލެވޭނެ ކަމަށެވެ. އަދި އެމްޑީޕީ ރޫޅާނުލެވޭނެ ކަމަށް ތަކުރާރުކޮށް ފައްޔާޒު ވިދާޅުވި އެވެ.
2018 ގައި އެމްޑީޕީއިން ރިޔާސީ އިންތިޚާބަށް ކެންޑީޑޭޓަކު ނެރެންޖެހުނީ ނުހަނު ބިރުވެރިކަމުގައި ވާނެ ގޮތެއް ނޭނގި ކޮންމެ ދުވަހަކު މަގުމައްޗަށް ނިކުމެގެންކަމަށްވިޔަސް މިއަދުގެ ވާދަވެރިންނަށް އެފަދަ ބިރުވެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނަށް މިފަދަ އިންޒާރެއް ދިނުމަށްފަހު ފައްޔާޒުގެ ބަހުގެ ހަމަލާތަކެއް ދަ ޑިމޮކްރެޓްސް އަށްވެސް ވަނީ އަމާޒުކޮށްފައެވެ.