
ފުވައްމުލަކަކީ ރީތި ކަނބަލުން ގިނަ ރަށެއް ކަމުން އެ ސިޓީއަށް ހުރިހާ ގޮތަކުން ވެސް އަޅާލާނެ ކަމަށް އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސިޔާމް މިފަދައިން ވިދާޅުވީ ރޭ ޏ. ފުވައްމުލަކުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ސިޔާމް ވިދާޅުވީ ކޮވިޑްގެ ޙާލަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވީ، ހިކުމަތްތެރި، ވިސްނުން ތޫނު، އަދި އެހާމެ ރައްޔިތުންނަށް އޯގާތެރި ވެރިއެއް ކަމަށެވެ.
ސިޔާމް އިތުރަށް ވިދާޅުވީ، ފުވައްމުލަކަކީ ”ޑެސްޓިނޭޝަން“ އަކަށް ހަދައި ދެއްވުނަށް އެ ރަށުގެ ރައްޔިތުން އެދެމުން އަންނަ ކަމަށާ، އެކަން އެ ސިޓީއަށް ކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ޞޯލިހު ދެއްވާފައިވާ ކަމަށެވެ.
މިއާއެކު ސިޔާމް ވިދާޅުވީ ފުވައްމުލަކަކީ މަސައްކަތްތެރި, ހީވާގި، އަދި އަޚުލާގު ރަނގަޅު ޒުވާނުން އުޅޭ ރަށެއް ކަމަށެވެ. އަދި އެރަށަކީ އަންހެން ކަނބަލުން ރީތި ރަށެއް ކަމަށާއި އެހެންކަމުން އެރަށަށް އަބަދުވެސް އަޅާލާ އޯގާވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”މަސައްކަތްތެރި، ހީވާގި، އެހާމެ ކެތްތެރި، އެހާމެ އަހުލާގު ރަނގަޅު ބައެއް. އަދި އެހާމެ އަންހެން ބޭކަލުން ރީތި ރަށެއް އިނގޭތޯ ފުވައްމުލަކު މިއީ. އެހެންވީމާ އަޅުގަނޑުމެން އިރާދަކުރެއްވިޔާ މިރަށަށް އަބަދުވެސް އޯގާތެރި ވާނަން. އަޅާލުންވެސް އޮންނާނެ. ހަމަ ހުރިހާ ރަނގަޅަކަށް. މިއީ އެހެން ރަށްރަށަށް ބުނާ ހުތުރު ބަހެއް ނޫން. ދެރަ ބަހެއް ނޫން. އެކަމަކު ފުވައްމުލަކަކީ ހަމަ ރީތި ކަނބަލުން، ހަމަ ގިނަ ރަށެއް.“ ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވަނީ މުޅި ފުވައްމުލަކު އެކީގައި އައިސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞޯލިހު ވެރިކަމަށް އެއްބުރުން އިންތިޚާބު ކުރުމަށް އެދިވަޑައިގެންފަ އެވެ.
mi noohuga liyanii ehaa tedhu habaru thakeh noom. liumuge kurin akhulagee min gaandah fetey gothah visnaafa liun edhen