
ދިވެހިރާއްޖެއިން ބޮޑު ބައެއް ވިއްކާލުމާ ދެކޮޅަށް ގިނަ ސިޔާސީ ޕާޓީތަކެއް އެއްގަލަކަށް އަރައި، އެ މައްސަލައަށް ހައްލެއް ހޯދުމަށް އެކުގައި މަސައްކަތް ފަށައިފިއެވެ.
ކުރީގެ ދެބަންޑާރަ ނައިބުން ކަމުގައިވާ ޑރ.މުހައްމަދު މުނައްވަރު އާއި އާޒިމާ ޝަކޫރު އާއި، ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭގޮތަށް މިއަދު ހަވީރު މ.ދިމްޔާތުގައި ފެށި ނޫސްވެރިންގެ ބައްދަލުވުން ޗެއަރ ކުރެއްވީ ޑރ.މުނައްވަރެވެ.
ޑރ.މުނައްވަރުގެ އިތުރުން ސިޔާސީ ޕާޓީތައް ތަމްސީލް ކުރެއްވެވި ބޭފުޅުން:
- ޕީޕީއެމް- ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި އެޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް
- ޕީއެންސީ- އެޕާޓީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު
- އެމްޑީޕީ ރައީސް ނަޝީދު ފެކްޝަން- ރައީސް ސޯލިހަށް ތާއީދު ނުކުރައްވައިގެން ވަޒީފާއިން ވަކި ކުރި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު
- ޖުމްހޫރީ ޕާޓީ- ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ހުސައިން
- އެމްއާރުއެމް- އެޕާޓީގެ ނައިބު ރައީސް އާމިނަތު ނާދިރާ
- އެމްއެންޕީ- ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި އެޕާޓީގެ ނައިބު ރައީސް އަހުމަދު އުޝާމް
މި ޕާޓީތަކުގެ އިތުރުން ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން އާއި އެމްއެންޑީއެފްގެ ކާނަލް ރިޓަޔަޑް އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ ފަޔާ) އާއިއެކު ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރި ނުވަނީ:
- އެމްޑީޕީ ރައީސް ސޯލިހު ފެކްޝަން
- އަދާލަތު ޕާޓީ
- އެމްޓީޑީ
- އެމްޑީއޭ
- ލޭބަރ ޕާޓީ
މިއެވެ.
ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ނިމުނީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށެވެ. އިޓްލޮސް އިން އެ މައްސަލައިގައި ހުކުމް އިއްވީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ. އެއާއެކު ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުން 50000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް ގެއްލިގެންދާނެއެވެ. އިޓްލޮސް އިން މި މައްސަލަ މިގޮތަށް ނިންމި ކަމުގައިވިޔަސް އދ. އަށް އެކަން ހުށައަޅައިގެން ފާސްކޮށްގެން ނޫންގޮތަކަށް އެ މައްސަލަ ނުނިމޭނެ ކަމަށް ހާރިޖީ މާހިރުން އަންނަނީ ސަބަބުތަކާއެކު ހާމަކޮށްދެއްވަމުންނެވެ. އޭގޭ އެއް ސަބަބަކީ އިނގިރޭސީންގެ ބާރު ހިނގާ ތަނަކަށް މިހާރުވެސް އެ އަތޮޅުގެ ފޯޅަވަހި އޮތުމެވެ.
އިޓްލޮސް އިން މި މައްސަލަ މޮރިޝަސް އާއި އެއްކޮޅަށް ނިންމިތާ 24 ގަޑިއިރުތެރޭގައި ޗާގޯސްއާ ދިމާލަށް 90 މޭލު ބޭރަށް ނިކުތް ހުވަދޫ މަސްދޯންޏަކަށް އެ ސަރަޙައްދުގައި އޮތް މަނަވަރަކުން، އެ ސަރަޙައްދު ދޫކޮށް ދިއުމަށް އަންގައި އިންޒާރުވެސް ދީފައެވެ.
އަސްތާ މިއެގުނީ! މިއީ ހަސަން 9 ރަސްގެފާނަށް ބައިއަތު ހިފައިގެން ތިބި ބައިގަޑެއްކަން! ސުބްޙާނަﷲ! އެއްވެސް މުސްލިމު ވެރިޔަކު މިތަނާ ނޫޅުނީ އޭރުވެސް މިހާރުވެސް ކްރިސްޓިއަނުންގެ ބަޔަކުގެ ތަނެއްކަމަށް ވާތީ އެވެ. ދިވެހިރާއްޖޭގައި ކާފަރު ބަޔަކު އުޅޭ ރަށެއް ބޭއްވުމަށް ބޭނުން ނުވާތީއެވެ. އަލްޙަމްދުﷲ ތިޔަތަން ދޫކޮށްލި ކަމަށް ރައީސަށް ސުކުރު ކުރަމެވެ.