ޚަބަރު

މާލޭގެ ހުރިހާ ގޭބިސީތަކަށް ފޮތި ކޮތަޅު ބަހަން މާލެސިޓީ ކައުންސިލުން ނިންމައިފި

މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައިވާ ”ޕްލާސްޓިކާ ދުރުވުމުގެ“ ސިޔާސަތާއެކު މާލޭގެ ގޭބީސީތަކަށް ތިމާވެއްޓާ ރައްޓެހި ގިނަފަހަރު ބޭނުންކުރެވޭ ފޮތި ކޮތަޅު ބަހަން މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 100 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މި އަދުގެ ޖަލްސާގައި ނިންމާފައިވަނީ މާލެ، ވިލިމާލެ، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވައްސަށް މާލެ ސިޓީ ކައުންސިލުން ތިމާވެއްޓާ ރައްޓެހި ކޮތަޅު ބެހުމަށެވެ. މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ ޓީމުތަކުން ގޭބީސީތަކުގެ ދޮރުމައްޗަށް ގޮސް ކޮތަޅު ބަހާ ގޮތަށެވެ.

މި މައުޟޫޢު އާއި ގުޅެގޮތުން މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެސިޓީ ކައުންސިލްގެ ބޭނުމަކީ މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުން ކަމަށާއި، ތިމާވެށި ރައްކާތެރިކުރުމަށް އެކިކަހަލަ މަޝްރޫޢުތައް ހިންގުމަކީ މާލެސިޓީ ކައުންސިލްގެ އެއް އަމާޒުކަމަށެވެ.

ސަރުކާރުން 2 ރުފިޔާ ނަގަންފަށާފަ މިއޮތީ ކޮތަޅުން، އަޅުގަނޑުމެން ބޭނުންވަނީ ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރަން. އަޅުގަނޑުމެންނަކީ ތިމާވެއްޓަށް ލޯބިކުރާ ބައެއް. މާލެސިޓީ ކައުންސިލްގެ އެއް އަމާޒަކީވެސް ހަމަ ތިމާވެށި ރައްކާތެރިކުރުމަށް އެކިކަހަލަ މަޝްރޫޢުތައް ހިންގުން. އެންވަމަންޓް ފްރެންޑްލީ މެޓީރިއަލުން ތައްޔާރުކޮށްފަ ހުންނަ، ރިޔޫސަބަލް މެޓީރިއަލުން ތައްޔާރުކޮށްފަ ހުންނަ ކޮތަޅު އިނގޭތޯ.

މޭޔަރ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ 25 ކޮތަޅު ހިމެނޭ ކޮތަޅު ޕެކްތަކެއް ގޭބީތަކަށް ބަހާނެ ކަމަށާއި މާލެ ، ވިލިމާލެ އަދި ހުޅުމާލޭގެ 50 ހާހެއްހާ ގޭބީސީއަށް ކޮތަޅު ހަދިޔާ ކުރާނެ ކަމަށެވެ. އަދި މި ކަމަށް 1.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

އަޅުގަނޑު މި ހުށަހަޅަނީ އެކަހަލަ 25 ކޮތަޅުގެ ޕެކް ހަދާފަ މާލެސިޓީ ކައުންސިލްގެ ޚަރަދުގަ މާލެ ސިޓީގެ ކޮންމެ ގޭބިސީ އަކަށް ހިލޭ ފޯރުކޮށްދޭން. މިކަހަލަ މަސައްކަތްކުރާ ބޭފުޅުންނާ ނުރަސްމީކޮށް ދެކެވުނު ވާހަކައިގަ ފްރައިޓް ޗާޖާ އެއްކޮށް މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ގާތް ގަނޑަކަށް 50 ހާސް ގޭބިސީ އަށް 1.5 މިލިއަން ރުފިޔާ ޚަރަދު ވާނެ.

މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ މުޢިއްޒު ވިދާޅުވީ އެއް ގޭބިސީ އަށް 25 ކޮތަޅު ދީފިއްޔާ ވަރަށް ގިނަ ދުވަހު ބޭނުން ކުރެވިދާނެ ކަމަށާއި، ކޮތަޅުން ނަގާ ފީ ސަރުކާރުން ކުރިއަށް އޮތްތަނުގައި ކަނޑަލި ކަމުގައިވިޔަސް ތިމާވެއްޓަށް ވިސްނާނަމަ މިއީ ރަނގަޅު ކަމެއް ކަމާއި، އަދި މީގެ ސަބަބުން ދުވަސްކޮޅަކުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާވެސް ލާފާނެ ކަމަށް ފެނިވަޑައިންނަވާކަމަށެވެ.

ސަރުކާރުން ކޮތަޅުން ނަގާ އަގު ކަނޑާލިޔަސް 2 ރުފިޔާ ނުނަގާގޮތަށް ނިންމިޔަސް އެންވަމަންޓް އަށް ވިސްނައިފިއްޔާ މިއީ ވަރަށް ރަނގަޅު ކަމެއް. އޭރުން ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާވެސް ލާފާނެ ދުވަސްކޮޅަކުން.

މާލެ ސިޓީ ކައުންސިލުން ބަހަން ނިންމާފައިވަނީ އެކި ކަންކަމަށް އެކި ކުލަ ޚާއްޞަކޮށްފައިވާ ތިމާވެއްޓާ ރައްޓެހި ކޮތަޅެވެ. މި ކޮތަޅުތައް ހުންނާނީ ބާޒާރު ކުރުމުގައި ރައްޔިތުން އާންމުކޮށް ބޭނުންކުރާ މީޑިއަމް ސައިޒަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button