
މުޅި ދުނިޔެއަށް ދިމާވި ކޮވިޑް19ގެ ޙާލަތުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައް ފިތިގެން ދިޔަކަމަށާއި އެ ދަނޑިވަޅުގައިވެސް ރައީސް އިބްރާހިމްވެސް ”ފިތިގެން“ ދިޔަ ކަމަށާއި އެހެން ނަމަވެސް އެ ދަނޑިވަޅުގައި އެމަނިކުފާނުގެ ގައިކޮޅުން ފޭބީ މާމުއި ކަމަށް މޯލްޑިވްސް ޑިވޮލަޕްމަންޓް އެލައެންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފުވައްމުލައް ސިޓީގައި ރޭ ރައީސް އިބްރާހިމްގެ 2023 ރިޔާސީ ކެމްޕެއިންއަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވަނީ ރައީސް އިބްރާހިމަށް ވަރަށްބޮޑަށް ސަނާ ކިޔުއްވާ ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ކޮވިޑްގެ ޙާލަތުގައި ރައީސް އިބްރާހިމް އެޅުއްވި ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ އޭނާ ވިދާޅުވީ ރައީސް އިބްރާހިމް ދިވެހިރާއްޖޭގައި ކޮވިޑުގެ ޙާލަތު މެނޭޖުކުރީ ދުނިޔޭގެ ބޮޑެތި ބާރުތަކަށް ވެސް މެނޭޖުކުރެވިފައިނުވާހާ ފުރިހަމަކޮށްކަމަށެވެ.
”ފޮނި އެއްޗަކުން ނިކުންނާނީ ފޮނި،އެއީ ޝައްކެއް އޮތް ކަމެއް ނޫން. އެ ފިތާލީމާ އަންނާނީ ފޮނި، އެހެންވީމާ އަޅުގަނޑުމެން ފިތިގެން ދިޔަ ދަނޑިވަޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ފިތިގެން ދިޔައީ، ފިތިގެން ދިޔަ ވަގުތުގައި ވެސް އެމަނިކުފާނު ގައިން އައީ ކޯޗެއްތޯ، މާމުއި! މީހުންނަށް ދެއްކޭނެ އަދި އުފާވާނެ ކަރަށް ރަހަލާނެ ރީތި މާމުއި އިނގޭތޯ“ ސިޔާމް ވިދާޅުވިއެވެ.