ޚަބަރު

އިދިކޮޅު ހުރިހާ ފަރާތްތަކުން ”ގުޅިގެން“ ރައީސް އިބްރާހިމްގެ ސަރުކާރު ބަދަލުކުރާނަން: އަދުރޭ

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުނު ބައި އަނބުރާ ހޯދޭނީ ިމހާރު މިއޮތް ރައީސް އިބްރާހިމްގެ ސަރުކާރު ބަދަލުކޮށްގެން ކަމަށާއި، ގުޅިފައިވާ އިއްތިހާދުން މިވެރިކަން ބަދަލު ކުރައްވާނެ ކަމަށް ޕީޕީއެމް ޕީއެންސީ ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކަނޑުވިއްކާލުމާ ދެކޮޅަށް ރޭ ބޭއްވި ބޮޑު ޖަލްސާގައި އަދުރޭ ވިދާޅުވީ ދިވެހި މަސްކަނޑުން ގެއްލުނު ބައި ދިވެހިންނަށް ހޯދޭނީ ވެރިކަން ބަދަލު ކޮށްގެން ކަމަށެވެ. އަދި އިދިކޮޅު ހުރިހާ ފަރާތްތަކުން ގުޅިގެން ރައީސް ސޯލިހުގެ ސަރުކާރު ބަދަލުކުރައްވާނެ ކަމަށާއި، ދިވެހި ކަނޑުން ގެއްލިގެން ދިޔަ ބައި ދެން އަންނަ ސަރުކާރެއްގައި ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވާލަން ބޭނުންވަނީ ހަމަ ހިލާ ތިޔަހެން ނުހެދޭނޭ، ހަމަ ހިލާ ތިޔަހެން ނުހެދޭނޭ… މަނިކުފާނުގެ ވެރިކަން އަޅުގަނޑުމެން ނިމުމަކަށް ގެންނާނަމޭ، މި ހުރިހާ ބޭފުޅުންނަށް އެއްބަސް ކިޔޭ ދެ ކަމެއް އަޅުގަނޑަށް މިރޭ ފެނިއްޖެ. އެއްކަމަކީ ދިވެހިރާއްޖޭގެ ކަނޑުން މި ގެއްލުވާލި މި ވިއްކާލި ބައި އަލުން އަނބުރާ ހޯދުން. އެކަމުގައި އަޅުގަނޑުމެންނަށް އެއް ވާހަކައެއް އެބަ ދެއްކޭ. ދެވަނަ ކަމަކީ މި ޣައްދާރުންގެ ވެރިކަން ނިންމުން“ އަދުރޭ ވިދާޅުވިއެވެ.

ޗާގޯސް މައްސަލާގައި ސަރުކާރާއި ދެކޮޅު ހުރިހާ ސިޔާސީ ފަރާތްތަކެއް ގުޅިގެން ފެށި މަސައްކަތަކީ އަދި ފެށުމެއް ކަމަށާއި އެ މަސައްކަތް ނިންމާނީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހުގެ ސަރުކާރު ބަދަލު ކޮށްފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އޭނާގެ ވާހަކަފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހާއި ފޮރިން މިނިސްޓަރު ޝާހިދު އަދި ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތު އަކީ ”ބޮޑެތި ޣައްދާރުން“ ކަމަށް ވަނީ ސިފަ ކުރައްވާފައެވެ.

ރޭގެ ޖަލްސާގައި އެތައްހާސް ރައްޔިތުން ބައިވެރިވެ ޝުއޫރުފާޅުކުރައްވާ އަޑު އުފުލާފައިވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދިވެހި ކަނޑު ވިއްކާލި މައްސަލައިގައި ސަރުކާރަށް ހުށަހެޅުމަށް ނިންމާފައިވާ ޕެޓިޝަންގައި ސޮއި ކުރުުމުގެ ޙަރަކާތެއް މުޅި ރާއްޖޭގައި ދަނީ ކުރިއަށް ގެންދަމުންނެވެ. އެ ޕެޓިޝަންގައި މިހާތަނަށް 60،000 ވުރެ ގިނަ ރައްޔިތުން ވަނީ ސޮއި ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button