
ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަނީ އިންޑިއާގެ ބީޖޭޕީ ކެނޑިޑޭޓަކާއި، ދިވެހިންގެ ކެނޑިޑޭޓެއް ކަމަށާއި، ދިވެހިން ނުކުންނަންވީ ބީޖޭޕީގެ ކެނޑިޑޭޓް ބަލިކޮށް ދިވެހިންގެ ކެނޑިޑޭޓް ހޮވަން ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރޭ އިދިކޮޅުން ބޭއްވި ”ރައީސް ޔާމީން 2023 ރެލީ“ ގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ދިވެހި ޤައުމު މިހާރު މިދަނީ ވަރަށްނުބައި މިސްރާބަކަށް ކަމަށާއި، ޚިޔާލަށްވެސް ނުގެނޭފަދަ ނުރައްކަލަކާއި ދިމާލަށް މި ޤައުމު މިގެންދަނީ ގަސްތުގައި ރާވައިގެން ކަމަށާއި މިކަމާއި ދޭތެރޭގައި ދިވެހި ރައްޔިތުން ސަމާލުވާން ޖެހޭކަމަށެވެ.
”އަޅުގަނޑުމެންގެ އަތުން ޤައުމުގެ ކަނޑުތަކާއި ބިންތައް ފޭރިގެންފި، މިނިވަންކަން ގެއްލުވާލައިފި، ހަމަޖެހުމާއި ޞުލްޙަވެރިކަން ނަގާލައިފި، މާދަމާ އަޅުގަނޑުމެންގެ މައްޗަށް ވެރިކަން ކުރާނީ އިންޑިއާ“ އަދުރޭ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަނީ އިންޑިއާގެ ބީޖޭޕީ ކެނޑިޑޭޓަކާއި ދިވެހިންގެ ކެނޑިޑޭޓެއްކަމަށާއި، މާދަމާގެ މުސްތަޤުބަލަށްޓަކައި ދިވެހިން ނުކުންނަންވީ ބީޖޭޕީގެ ކެނޑިޑޭޓް ބަލިކޮށް ދިވެހިންގެ ކެނޑިޑޭޓް ހޮވަން ކަމަށެވެ.
”އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި މި ވާދަކުރަނީ ދިވެހިންގެ ރިޔާސީ ކެނޑިޑޭޓަކާ، ބީޖޭޕީގެ ކެނޑިޑޭޓަކާއޭ. ދިވެހީން ނުކުންނަންވީ ދިވެހީންގެ ކެނޑިޑޭޓް ހޮވަން. ބީޖޭޕީގެ ކެނޑިޑޭޓް ބަލިކުރަން“ އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ ވާހަކަގައި ޢިޝާރާތް ކުރެއްވީ މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހާއި އިދިކޮޅުގެ ރިިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންއަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިވެހީންގެ ކެނޑިޑޭޓް ހޮވަންވީ މާދަމާ މަގުތަކުގައި ކާކީ ސޯޓުބުރި ލައިގެން އެއްތެޔޮގަނޑު ހިފައިގެން އިންޑިއާގެ ފުލުހުންނާއި ސިފައިންތިބޭ މަންޒަރު ނުދެކެންވެގެން ކަމަށެވެ.
އަދުރޭ ވިދާޅުވީ ދިވެހިންގެ ކެނޑިޑޭޓް ރައީސް ޔާމީން ވެވަޑައިގަންނަވަމުންދާ ޤުރުބާނީ އަކީ މި ޤައުމާއި ޤައުމުގެ ރައްޔިތުންގެ ޙައްޤުގައި ވެވަޑައިގަންނަވާ ޤުރުބާނީއެއް ކަމަށެވެ. އަދި ރައީސް ޔާމީން ކެތްތެރިކަމާއި އެކު ޖަލުގައި އޮންނަވަނީ ޤައުމުން ވަޑައިގަންނަވާނެ ފުރުޞަތުތައް ފަހިވެފައި ވަނިކޮށް ކަމަށާއި، މިސަރުކާރުން އެންމެ ބޭނުންވަނީވެސް ރައީސް ޔާމީން މިޤައުމު ދޫކުރައްވާ ވަޑައިގެންނެވުން ކަމުގައި އަދުރޭ ވިދާޅުވިއެވެ.
މި ސަަރުކާރުގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކޫ ނުޖައްސަވާ ސާބިތުކަންމަތީ ހުންނަވަނީ އެމަނިކުފާނުގެ އަމިއްލަ ޖާހާ ޢިއްޒަތް މަތިވެރިކުރަން ނޫންކަމަށާއި، އަދި ދިވެހި ރާއްޖޭގެ ވެރިކަމުގެ ޝާނާއި ޝައުކަތުގެ ބޭނުމުގައި ނޫންކަމާއި، އެއީ މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހަށް ދެވަނަ ދައުރެއް ދީފިނަމަ ދިވެހި ޤައުމު ވެއްޓިގެންދާނެ އަނދަވަޅަކަށްޓަކާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ ވާހަކައިގައި ވަނީ ދިވެހި ރާއްޖޭގެ ޖުޑީޝަރީއަށް ޢަދުލު އިންސާފު ޤާއިމުކޮށްދީ ހަމަހަމަ އުސޫލުން އިންސާފުވެރިކަމާއި އެކު ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަންކުރުމަށް ގޮވާލައްވާފައެވެ.