ޚަބަރުސިޔާސީ

އިބްރާހިމް މުޙައްމަދު ޞޯލިޙު ލޯފަން މީހަކަށްވެސް އޮޅުވާލާނެ: ބޮންޑެ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ލޯފަން މީހަކަށްވެސް އޮޅުވާލަފާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މިފަދައިން ވިދާޅުވީ އިންތިޚާބުތަކާއި ގުޅޭ އާންމު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން ހުށަހެޅުއްވި އިސްލާހަށް ވާހަކަ ދައްކަވަމުންނެވެ.

އެ ބިލްގައި ވަނީ ލޯފަން މީހުންނަށް އެހެން މީހުންގެ އެހީތެރިކަމާއި ނުލާ ވޯޓް ކަރުދާހުގައި ފާހަގަ ޖެހޭގޮތް ހެދުމެވެ. އިސްލާހު ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ މީގެ ކުރިން ޤާނޫނު އޮތްގޮތުން އެހީތެރިއަކާއިއެކު ވޯޓު ލެވޭގޮތަށް އޮތުމުން އެފަރާތްތަކުގެ އެތައް ޙައްޤުތަކެއް ގެއްލިގެންދާކަމަށެވެ.

މި އިސްލާހަށް ވާހަކަ ދައްކަވަމުން ބޮންޑެ ވަނީ ލޯފަން މީހުންނަށް އެ ފުރުޞަތު ދިނުމަށް ވިސްނާއިރު، ކެނޑިޑޭޓް ނަމްބަރު އެނގުނަސް އެމީހާ އިޚްތިޔާރު ކުރަނީ ރަނގަޅު ކެނޑިޑޭޓްކަން އެނގެން ނޯންނާނެ ކަން ފާހަގަކުރައްވާފައެވެ. އެއާއިއެކު ބޮންޑެ ވިދާޅުވީ ދައުލަތުގެ މީޑިއާ ބޭނުންކޮށްގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބުއްދިއަށް އޮޅުވާލަން މަސައްކަތްކުރުމަކީ މާބޮޑު ކަމެއް ކަމަށެވެ.

ޑިމޮކްރަސީއޭ ބުނަނީ ރައްޔިތުންގެ ވެރިކަން ޤާއިމުކޮށްގެން ރައްޔިތުން އިޚްތިޔާރުކުރާ ކެނޑިޑޭޑަކަށް ވޯޓުދިނުންކަމަށާއި، އެގޮތަށް ވޯޓު ދޭއިރު ދަޢުލަތުގެ މީޑިއާ އަކީ މިނިވަން މީޑިއާއެއްގެ ގޮތުގައި އޮންނަންޖެހޭކަމަށް ބޮންޑެ ވިދާޅުވިއެވެ. އަދި ދާދިފަހުން ދަޢުލަތުގެ މީޑިއާގެ ރިޕޯޓަރުން އިލެކްޝަންސް ކޮމިޝަންތެރެއަށް ނުވެއްދިކަމާއި، އެތަނުން ބޭރުވެސް ކުރިކަން ބޮންޑެ ފާހަގަކުރެއްވިއެވެ.

ރައީސް އިބްރާހިމަކީ ޑިމޮކްރަސީގެ އަދި މީޑިއާގެ ވެސް ދުޝްމަނެއް ގޮތުގައި ސިފަކުރައްވަމުން ބޮންޑެ ވަނީ އިބްރާހިމް މުޙައްމަދު ޞޯލިޙު ލޯފަން މީހަކަށްވެސް އޮޅުވާލަފާނެ ކަމަށް ވިދާޅުވެފައެވެ. އެއީ ރައީސް އިބްރާހިމްގެ ބުއްދި ލޯފަންވެފައިވާތީ ކަމަށާއި، އޭގެ މިސާލަކީ ރާއްޖޭގެ ކަނޑު ވިއްކާލުން ކަމުގައި ބޮންޑެ ވިދާޅުވިއެވެ.

”އެހެންވީމާ މިސަރުކާރަކީ ސީދާ މީޑިއާގެ ދުޝްމަނެއް، ޑިމޮކްރަސީގެ ދުޝްމަނެއް، އިބްރާހިމް މުޙައްމަދު ޞޯލިޙަކީ ޑިމޮކްރަސީގެ ދުޝްމަނެއް، ލޯފަން މީހަކަށްވެސް އޮޅުވާލާނެ، އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ބުއްދި ލޯފަންވެފަ އެހެރީ، ދިވެހި ރާއްޖޭގެ ކަނޑު ވިއްކާލި އިރު އެ ބުއްދި އަކަށް ނުވިސްނުން. ހަމަ ދިއްކޮށްލާއިރަށް ސޮއި ކޮށްލީ“

ބިލް ހުށަހެޅުއްވި މެމްބަރު ޖީހާން ވަނީ މި އިސްލާޙާއިއެކު ނުފޫޒެއްނެތި ލޯފަން މީހުންނަށް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ކަށަވަރުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ބަހުސްގައި އެކި މެމްބަރުންގެ ޚިޔާލު މިކަމުގައި ތަފާތުވެގެން ގޮސްފައިވެއެވެ. މިނިވަން އިންތިޚާބެއް ބޭއްވޭނީ ހަމަ އެކަނި ވޯޓްލާ ދުވަހު ވޯޓު ކަރުދާސްކޮޅު އަތަށް އެރުމުން ނޫންކަން ބައެއް މެމްބަރުން ފާހަގަ ކުރެއްވި އިރު ބައެއް މެމްބަރުން ވަނީ މިކަމުގައި ސަރުކާރުގެ އިޚުލާސްތެރިކަމާއި މެދު ސުވާލު އުފައްދަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button