ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަކީ ހަރުކަށި ފިކުރު އުފައްދާ މެޝިނެއް ކަމުގައި މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ އިމްރާނަކީ ބަޣާވާތެއްގެ ތެރެއިން ސިޔާސީ ކަންކަމުގެ ތެރެއަށް ވަޑައިގެންނެވި ބޭފުޅެއް ކަމުގައެވެ. އަދި އިމްރާނަކީ ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ ޝަހީދު ކޮށްލީ ވަކި ސިޔާސީ ބައެއް ކަމަށް ވިދާޅުވުމަށްފަހު އެއީ އެބައެއް ނޫން ކަމާއި، އެހެން ބަޔަކު ކުރި ކަމެއްކަން ރައްޔިތުންނަށް ކިޔައިދެއްވުމަށްފަހު މިއަދު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެއްކަން ބޮންޑެ ފާހަގަކުރެއްވިއެވެ.
މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މެއި މަހުގެ 7 ވަނަ ދުވަހު ހަމަލާގެ ކަންކަންވެސް އިމްރާން ނުބައްލަވާ ކަމުގައި ބޮންޑެ ވިދާޅުވިއެވެ.
”މިހާރުވެސް ތިބި ޒުވާން ޖީލަށް މަސްތުވާތަކެތި ބޯންދީގެން ޖަލުތަކުގަ މި ހަރުކަށި ފިކުރު އުފައްދާ މެޝިނެއް ހޯމް މިނިސްޓަރަކީ. އެއީ ހަރުކަށި ފިކުރު އުފައްދާ މެޝިނެއް. 23 ޑިސެމްބަރު އިއްތިހާދު.“ ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވިގޮތުގައި މި ރާއްޖޭގެ ހަމައެކަނި މައްސަލައަކީ އިމްރާން މެން ފަދަ ބޭފުޅުންގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުން އުފެދޭ ފިތުނައެވެ.