
ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތުން ތުރުކީގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ 5ވަނަ ފަހަރަށް އިންތިޚާބު ވެވަޑައިގެންނެވި ރަޖަބް ޠައްޔިބް އުރްދުޣާން އަށް ހޫނު މަރުޙަބާ އެއް ދަންނަވައިފިއެވެ.
ރައީސް ޔާމީންގެ މަރުޙަބާގެ މެސެޖުގައި ވިދާޅުވީ ރައީސް އުރުދުޣާންގެ ލީޑަރޝިޕްގެ ދަށުން ތުރުކީ ވަނީ އިޤްތިޞާދީ ގޮތުން މަތީ ދަރަޖައިގެ ކުރިއެރުން ހޯދައި ބައިނަލްއަޤްވާމީ ގޮތުން އެ ޤައުމުގެ މަޤާމް ހަރުދަނާ ކޮށްފައި ކަމަށެވެ. މީގެ އިތުރުން ތުރުކީ އާއިއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއިއެކު ދެ ޤައުމުގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ރައީސް ޔާމީން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށް ވެސް އެމެސެޖުގައި ވެއެވެ.
ރައީސް ޔާމީންގެ އިތުރުން އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ރައީސް އުރުދުޣާން އަށާއި، އެމަނިކުފާނުގެ ޕާޓީ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ އަށާއި، ތުރުކީގެ ރައްޔިތުންނަށް މަރުޙބާ ދަންނަވާފައެވެ.
Statement of felicitation to Türkiye’s President H.E @RTErdogan. pic.twitter.com/lNDo4BmUqz
— Progressive Party of Maldives (@ProgressPartyMV) May 29, 2023
އިއްޔެ ކުރިއަށްދިޔަ ތުރްކީގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުގެ 52 އިންސައްތަ މިހާރުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ހޯއްދަވައި ތުރްކީގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އަރަބި އިސްލާމީ ޤައުމުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކުގެ ލީޑަރުން މިހާރު ދަނީ އުރްދުޣާން އަށް މަރުޙަބާ ކިޔަމުންނެވެ.
މި އިންތިޚާބު އުރްދުޣާން އަށް ކާމިޔާބު ވުމާއި އެކު އޭނާއަށް އިތުރު 5 އިތުރު ވެގެން ދާނެއެެވެ. މިއީ ތުރްކީގެ ރައްޔިތުން އުރްދުޣާންގެ ވެރިކަން އިޚްތިޔާރު ކުރި 3ވަނަ ފަހަރެވެ.