ޚަބަރުސިޔާސީ

ރައީސް އިބްރާހިމް އަކީ ފިނޑި ވެރިއެއް: އީވާ

ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙަކީ ފިނޑި ވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ދަ ޑިމޮކްރެޓްސް މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިވާ މިފަދައިން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުމާއިއެކު ”ދަ ޑިމޮކްރެޓްސް“ ނަމުގައި އުފެދުނު ޕާޓީއާ ގުޅެމުންދާ މެމްބަރުން ރައީސް އިބްރާހިމްގެ ސަރުކާރުގެ މަޤާމްތަކުން ވަކިކުރަމުންދާ މައްސަލައާއި ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

އީވާގެ ޓްވީޓްގައި ވިދާޅުވީ ވަޒީފާއިން ކަނޑާލި ޒުވާނުން މި ސަރުކާރު ގެންނަން ކުރި މަސައްކަތް މިނާ ނުކިރޭކަމަށެވެ. އަދި ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ނިކަމެތި ކުރާނަމޭ ހީކޮށް އުޅޭއުޅުމުން އިތުރުވާނީ ނަފްރަތު ކަމަށްވެސް އީވާ ވިދާޅުވިއެވެ.

މިއާއިއެކު އިވާ ވިދާޅުވީ ރައީސް އަކީ ފިނޑި ވެރިއެއް ކަމަށާއި، ޔަޤީނުންވެސް ވަޒީފާއިން ވަކިކުރި އެކަކުގެވެސް ހިތްވަރެއް ނޭލޭނެ ކަމަށާއި، ވާނީ އިތުރަށް ވަރުގަދަ ކަމަށެވެ.

ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި ސަރުކާރު ވަޒީފާތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން އެންވަރމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންސާރު އަބްދުއްސައްތާރު އާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު ހަމްދާން ވަނީ އިއްޔެ ވަޒީފާ އިން ވަކިކޮށްފަ އެވެ. އަދި ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އާޝިޔަތު އަލައިކާ އަދުނާން ވެސް އިއްޔެ ވަޒީފާއިން ވަކިކުރި އެވެ.

އެމްޑީޕީން ވަކިވި މެންބަރުން އަލަށް އުފައްދާ ”ދަ ޑިމޮކްރެޓްސް“ އާ ގުޅިވަޑައިގަންނަވާ ސަރުކާރުގެ މަޤާމުތަކުގައި ތިބި ފަރާތްތައް މަޤާމުތަކުން ވަކިކުރަނީ އެ ޕާޓީއަށް ފާޅުގައި ތާއީދުކުރުން ހުއްޓުވަން ކަމަށް ދަ ޑިމޮކްރެޓްސް އިން ވަނީ ބުނެފައެވެ.

”ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުމުން ތަޖުރިބާގެ ގޮތުން ޤާބިލް ފަރާތްތައް ސަރުކާރުގައި ޚިދުމަތްކުރުމުގެ ފުރުސަތު ބަންދު ކުރުމަކީ ޤައުމުގެ މުސްތަކުބަލަށް އެޅޭ ހިޔަންޏެކެވެ. މިވެތިކަން ގެންނަމުން ނުކުރާނެ ކަމަށް ވަޢުދުވީ ކަމެކެވެ،“ ބަޔާނުގައި ބުނެފައިވެ އެވެ.

އިއްޔެ މަޤާމުން ވަކިކުރި ސިޔާސީ ބޭފުޅުންނަކީ ކޮންމެހެން ރައީސަށް ތާއީދުނުކޮށްގެން ވަކިކުރި ބައެއް ނޫން ކަމަށާއި، އެއީ ދަ ޑިމޮކްރެޓްސްގެ ތާއީދާއި، މެންބަރުން އިތުރުވާ މިންވަރު ފެނި، އިންޒާރު ދިނުމާއި، ބިރުދެއްކުމަށް ވަކިކުރި މީހުން ކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެއީ އެ ޕާޓީއަށް ފާޅުގައި ތާއީދުކުރުން ހުއްޓުވުމަށް ކުރާ ކަމެއްކަމުގައި ބުނެފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button