
ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަމާޒުވާގޮތަށް ނުވަތަ އެއީ އެމަނިކުފާނުކަން ދޭހަވާގޮތަށް ”ޗޯރު އިބުރޭ“ ނުވަތަ ”ވަގު އިބުރޭ“ ކިޔައިގެން އެކަމާ ހަމައިން ނެއްޓޭވަރަށް ކަންބޮޑުވާން ނުޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޗޯރު އިބުރޭ ކިޔައިގެން ޓީވީ ސްޓޭޝަނެއް ސެންސަރު ކުރި އިރު، އެމްޑީޕީއިން ވެރިކަމަށް އައީ ގޯޅާބޯ އާއި ”އެބޭ ސިޑިން ވެއްޓިދާނެތީ“ ކިޔައިގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ދަ ޑިމްކްރެޓްސް މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ މިއަދުގެ ޖަލްސާގައި ފާހަގަކުރެއްވުމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް ނާސިރަށް ”ކަރު ކުރު ބައިސަ“، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ”ގޮޅާބޯ“ އަދި އެމަނިކުފާނުގެ އަމިއްލަފުޅު ވެރިކަމުގައި ”ގަންޖާބޯ“ ކިޔާ ކަމުގައެވެ. މީގެ އިތުރުން ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަށް ”ބާޣީ ވަހީދު“ އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ”ރާގޮނޑި ރާޖާ“ ކިޔާފައި އެބަހުރި ކަމުގައެވެ.
”މި ނަންތައް އަޅުގަނޑުމެން ވަނީ މި މަޖިލީހުގަޔާ އެހެން ތަންތަނުގަ ކިޔާފަ. މިއަދު ޗޯރު އިބުރޭ ކީމާ އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓާވަރަށް ކަންބޮޑުވުން އިތުރުކޮށްފިނަމަ އެއީ އަޅުގަނޑު ދަންނަވާނީ އެއީ ޑިމޮކްރަސީގެ ރޫހުގާ ފަހަތަށް އެޅޭ ފިޔަވަޅެކޭ.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު، ޗެނަލް 13 އިން ދައްކާ ބައެއް ލަވަތަކުގައި ރައީސް ސޯލިހަކީ ޗޯރެއް ނުވަތަ ވަގެއްގެ ގޮތުގައި ދޭހަވާ ކޮންޓެންޓު ހުރިކަމަށް ބްރޯޑްކޮމް އިން ނިންމައި އެ ސްޓޭޝަނަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެކަމަކު އެ މައްސަލައިގައި ބަހުސް ކުރުމަށް ވޯޓު ހަމަނުވުމުގެ ސަބަބުން މައްސަލަ ވަނީ މިއަދުގެ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ.