
މި އަހަރު ސެޕްޓެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އޮބްޒަރވް ކުރުމަށް 15 ޤައުމަކަށް ދައުވަތު ފޮނުވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިޚާބު 2023 އޮބްޒާވްކުރުމަށް، 15 ޤައުމެއްގެ އިލެކްޝަންސް އިދާރާއަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާ ގައި ރަސްމީކޮށް ދައުވަތު ފޮނުވާފައި ވާކަމަށެވެ.
އެ ޤައުމު ތަކަކީ، ޖޯރޖިއާ، ފިލިޕީންސް، އިންޑޮނޭޝިއާ، ތައިލޭންޑް، ސައުތް ކޮރެއާ، ސައުތް އެފްރިކާ، ކްރިގިސްތާން، ހޮންޑޫރަސް، ސްރީލަންކާ، ބޮސްނިއާ، އޮސްޓްރޭލިއާ، ޖޮރޑަން، ކެނަޑާ، ޖަޕާން އަދި ނޭޕާލްއެވެ. މީގެ އިތުރުން، ރިޔާސީ އިންތިޚާބުގައި، ރާއްޖޭން ބޭރުގައި ދިރިއުޅޭ ވީހާވެސް ގިނަ ރައްޔިތުންނަށް، ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، އަށް ޤައުމެއްގެ ނުވަ ސިޓީގައި ވޯޓުފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ.
އެގޮތުން އިންޑިޔާގެ ޓްރިވެންޑްރަމް، ނިއު ދިއްލީ ، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިޔާގެ ކުއަލަ ލަމްޕޫރު، ސިންގަޕޫރު، އިނގިރޭސި ވިލާތުގެ ލަންޑަން، ތައިލެންޑުގެ ބެންގކޮކް، އެކުވެރި ޢަރަބި އިމާރާތުގެ އަބޫދާބީ އަދި ޖަޕާނުގެ ޓޯކިޔޯގައި ވޯޓުލާ މަރުކަޒު ޤާއިމް ކޮށް ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. ނަމަވެސް ވޯޓު ފޮށި ބެހެއްޓޭނީ ވޯޓުލުމަށް 150 މީހުން ރަޖިސްޓަރީ ކޮށްފިނަމަ ކަމަށެވެ.
ރިޔާސީ އިންތިޚާބު 2023 އޮބްޒާވްކުރުމަށް، 15 ގައުމެއްގެ އިލެކްޝަންސް އިދާރާއަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާ ގައި ރަސްމީކޮށް ދައުވަތު ފޮނުވައިފި. @ElectionsMv @mvpeoplesmajlis @MoFAmv pic.twitter.com/mwglr0yaqQ
— Ismail Habeeb (@IsmailHabeeb) May 27, 2023
ރިޔާސީ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނެއެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.