ޚަބަރުސިޔާސީ

ގޭގައި ދިރިއުޅުން ބައްޓަން ނުކުރެވޭ އިސްރަށްވެހިންނަށް ރަނގަޅު ”އޯލްޑް އޭޖް ހޯމް“ ޤާއިމްކުރާނަން: ޑރ. މުޢިއްޒު

ގޭގައި ދިރިއުޅުން ބައްޓަން ނުކުރެވޭ ނުވަތަ އަޅާލުން ނުލިބޭ އަދި އަޅާލުން ހޯދަން އުނދަގޫ އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ރަނގަޅު ފެންވަރެއްގެ ”އޯލްޑް އޭޖް ހޯމް“ އެއް ޤާއިމް ކޮށްދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ ”އާސްކް މުޢިއްޒު“ ޕްރޮގްރާމްގައި ބައިވެރިވި އިސްރަށްވެއްސެއްގެ ޝަކުވާއަށް ޖަވާބު ދެއްވަމުންނެވެ.
ސުވާލުކުރި އިސްރައްވެއްސަކު ސުވާލުކުރީ ބޭނުންވަނީ އުމުރުން ދުވަސްވެފަތިބޭ މީހުނާ ރައްޓެހިކޮށް ގާތްކޮށް އުޅުން ކަމަށާއި، މުސްކުޅިވީމަ ބަލާނެ ބަޔަކުވެސް ނެތީމަ އުޅޭނީ ކިހިނެއްތޯ އެވެ.

ޖަވާބުގައި ޑރ. މުޢިއްޒު ވިދާޅުވީ އިސްރަށްވެހިންނަކީ މުޖްތަމަޢުއަށް ވަރަށް މުހިންމު ބައެއްކަމަށާއި، އެހެންނަމަވެސް މިހާތަނަށް އިސްރަށްވެހިންނާ ދޭތެރޭގައި އެކަށީގެންވާކަހަލަ ޕޮލިސީތަކެއް ތަންފީޒުކުރެވިފައި ނުވާ ކަމަށެވެ.
އަދި ”އޯލްޑް އޭގް ހޯމް“ އަކީ ރާއްޖޭގައި އާންމު ކަމެއް ނޫން ކަމަށާއި، ގޭގަ ދިރިއުޅުން ބައްޓަން ނުކުރެވޭ އިސްރަށްވެހިންނަށް ޑރ. މުޢިއްޒުގެ ސަރުކާރެއްގައި ޕްރޮފެޝަނަލް މިންގަނޑުން ބެލެހެއްޓޭ ރަނގަޅު ނިޒާމެއްގެ ތެރެއިން ރަނގަޅަށް އަޅާލެވޭ ރަނގަޅު ”އޯލްޑް އޭޖް ހޯމް“ އެއް ޤާއިމްކޮށްދެއްވާނެ ކަމަށާއި އެއީ ވަރަށް ރަނގަޅަށް ކުރެވޭ ކަމެއްކަމަށްވާނެ ކަމުގައި މުޢިއްޒު ވިދާޅުވިއެވެ.

”ރާއްޖޭގަ އެހާ އާންމުކަމެއް ނޫން އޯލްޑް އޭޖް ހޯމް. އަޅުގަނޑުމެންގެ ސަރުކާރެއްގަ ޕްރޮފެޝަނަލް މިންގަނޑުން ބެލެހެއްޓޭ ރަނގަޅު ނިޒާމެއްގެ ތެރެއިން ރަނގަޅަށް އަޅާލެވޭ ރަނގަޅަށް ކުރަން ބޭނުން ކަމެއް އެއީ ގޭގަ ދިރިއުޅުން ބައްޓަން ނުކުރެވޭ އިސްރަށްވެހިންނަށް ރަނގަޅު އޯލްޑް އޭޖް ހޯމް ޤާއިމްކުރަން. އެއީ ވަރަށް ރަނގަޅަށް ކުރެވޭ ކަމެއްކަމަށްވާނެ. ދަރިންނާ އެކުވެރިންނާ ބައްދަލުކުރަން ފުރުޞަތުލިބޭގޮތަށް. އެއީ އެއްވެސް ވަރަކަށް އާއިލާގެ އަޅާލުން ނުލިބޭ ހޯދަން އުނދަގޫ ފަރާތްތަކަށް އަޅައިދޭ ގެތައް ގޮތުގަ އޯލްޑް އޭޖް ހޯމް އަޅައިދޭ ވާހަކަ“ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ އެފަދަ ”އޯލްޑް އޭޖް ހޯމް“ އެއް ބިނާ ކުރަން ނިންމީ އެއީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގަ ފާހަގަކުރެވޭތީ އެކަމާގުޅޭ ގިނަ މީހުންގެ ޚިޔާލާ މަޝްވަރާ އެއްކޮށްގެން ކަމަށާއި، އެކަން ކުރިއަށް ގެންދާނީ ވަރަށްބޮޑަށް ދިރާސާ ކުރުމަށްފަހުގައި ކަމަށެވެ.

”އެކަންކުރާނީ ވަރަށްބޮޑަށް ދިރާސާ ކުރުމަށްފަހު. އެކަން ކުރަން ނިންމީ އެއީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގަ ފާހަގަކުރެވޭތީ އެކަމާގުޅޭ ގިނަ މީހުންގެ ޚިޔާލާ މަޝްވަރާ އެއްކޮށްގެން އިރާދަކުރެއްވިއްޔާ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގަ ހިންގަން ގަސްދުކޮށްފަ މިއޮތީ“ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި އަޅާލުން ނުލިބޭ އިސްރަށްވެހިން ބައިތިއްބާފައި ތިބެނީ ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައެވެ. އެހެންނަމަވެސް މިފަދައިން އިސްރަށްވެހިންނަށް ޚާއްޞަ ”އޯލްޑް އޭޖް ހޯމް“ އެއް ތަޢާރަފް ކުރެވިގެން ދިއުމަކީ އިސްރަށްވެހިންނަށް ލިބިގެންދާނެ ވަރަށްބޮޑު ހިތްހަމަ ޖެހުމަކަށް ވެގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button