ޗެނަލް 13 އިން ދައްކާ ބައެއް ލަވަތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ޗޯރެއް ނުވަތަ ވަގެއްގެ ގޮތުގައި ދޭހަވާ ކޮންޓެންޓު ހުރިކަމަށް ބްރޯޑްކޮމް އިން ނިންމައި އެ ސްޓޭޝަނަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އެވެ.
އެ މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުގައި ވޯޓު ނެގިއިރު ހާޒިރުވެ ތިއްބެވީ 49 މެންބަރުންނެވެ. އެކަމުގައި ބަހުސް ކުރަން ފެންނަ ކަމަށް20 މެންބަރަކު ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ26 މެންބަރުންނެވެ. ވަކިގޮތަކަށް ވޯޓު ދެއްވި މެންބަރަކު ނެތްއިރު މި ވޯޓުގައި ބައިވެރިވެވަޑައިގަތީ 46 މެންބަރުންނެވެ. ފާސްވުމަށް 24 ވޯޓު ބޭނުންވާތީ ރިޔާސަތުންވަނީ އެ މައްސަލައިގައި ބަހުސް ކުރުމަށް ފާސްނުވާކަމަށް އިއުލާން ކުރައްވާފައެވެ.