ޚަބަރުސިޔާސީ

ރައީސް ނަޝީދު ހުށައެޅުއްވި ބަރުލަމާނީ ގަރާރު އަނބުރާ ގެންދަވައިފި

ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރަން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ހުށައެޅުއްވި ގަރާރު އަބުރާގެންދަވައިފިއެވެ.

މިމަހުގެ 19 އިން 21 ކުރިޔަށްދާ އެމްޑީޕީ ކޮންގުރެސް ގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގަރާރު ހުށަހެޅުއްވި ފަހުން އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މިވަގުތު އެގަރާރު ކުރިޔަށް ނުގެންދިޔުމަށް ނިންމަވާފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

”އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި މިހާރު މި ގަރާރު މިތަނުގައި މި އޮތް ގޮތަށް ބާއްވާ، އަޅުގަނޑުމެން މިއާއި ދޭތެރޭ ބަހުސްނުކޮށް، ރައީސުލްޖުމްހޫރިއްޔާ އާއި، ތިބޭފުޅުންނާއިވެސް އެކުގައި މަޝްވަރާކޮށްގެން އަޅުގަނޑުމެން ރަނގަޅު ގޮތެއް މިކަމުގައި ފެނިގެންދާނެ“ ނަޝީދު ވިދާޅުވެފައިވެއެވެ.

މިކަމަށް ތާއީދު ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދު އަނބުރާ ގަރާރު ގެންދެވުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި، ކޮންގުރެސް ފެށުނުއިރު ޕާޓީ ތެރޭ ވަރަށް ޓެންޝަން އޮތްކަމަށެވެ. ނަމަވެސް ކަންކަން ނިމިގެންދާނީ ވަރަށް މެޗުއަރ ޕާރޓިއެއް ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ހޮވާނީ ޕްރައިމަރީ އަކުން ކަމަށާއި, ޕްރައިމަރީ އަކުން ހޮވޭ ކެނޑިޑޭޓު 2023 ގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މިއަދު ގަރާރު އަނބުރާ ގެންދަވާފައި ވީނަމަވެސް, ރައީސް ސޯލިހުވަނީ ކުރިންވެސް އެ ގަރާރަށް ތައީދު ނުކުރައްވާނެކަމަށް ވިދާޅުވެ ގަރާރު ނެގުމަށް ރައީސް ނަޝީދަށް އަންގަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button