ޚަބަރުސިޔާސީ

މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޤާމުން ވަކިކުރުމަށް އެމްޑީޕީގެ 50 މެމްބަރެއްގެ ސޮޔާއިއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

 އީވާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކި ކުރުމަށް ނިންމީ އީވާ އެމްޑީޕީން ވަކިވުމަށް ފަހު ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ފެއްޓެވުމާއި ގުޅިގެންނެވެ.

އީވާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ 12 މެމްބަރުން ވަނީ އެމްޑީޕީން އިސްތިއުފާދެއްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މަޖްލިސް މެންބަރުން އެމްޑީޕީން ވަކިވެފައިވާއިރު އެ މެންބަރުން ވަނީ ”ދަ ޑިމޮކްރެޓްސް“ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅާފައެވެ.

އެކަމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްގެ މަޤާމު ދިފާއުކުރުމުގެ ބޭނުމުގައި، ނުވަތަ އެ މަޤާމުގައި އިންނެވުމަށް އޭނާ ޤަބޫލުކުރާ އަސާސްތައް ދޫކޮށްލާ ފިތިގެން އިންނަވާނެ ބޭފުޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެމްޑީޕީން ނިކުމެވަޑައިގަތީ ޕާޓީގެ އަސާސްތައް ދޫކޮށްލާ، ކޮރަޕްޝަންގެ ހާއްޔަކަށް ހަދާފައިވާތީކަމަށް އީވާ ވިދާޅުވި އެވެ. އަދި ރައީސް ޞޯލިޙު ދިފާއުކުރަން މުޅި އެމްޑީޕީ ފުނޑާލާފައިވާކަމަށްވެސް އީވާ ވިދާޅުވި އެވެ. މީގެ އިތުރުން އީވާ ވިދާޅުވީ މަޖިލީހުގެ ނައިބުރައީސްގެ މަޤާމުން ވަކިކޮށްފާނެތީ ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށާއި، އެހެން ނަމަވެސް އަމިއްލަފުޅަށް އިސްތިޢުފާ ނުދެއްވާނެ ކަމަށެއެވެ.

ޤާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތުން މަޤާމުން ވަކިކުރެވޭނެ އެވެ. އީވާ ވަކިކުރަން  44 މެންބަރުންގެ ވޯޓު ބޭނުންވާއިރު، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 އެވެ. އެމްޑީޕީގެ 14 މެމްބަރަކު އެޕާޓީން ވަކިވެފައިވާއިރު މިހާރު މަޖިލީހުގައި ތިބި އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 55 އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button