
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ގެ އިތުބާރުނެތް މައްސަލަ މަޖިލީހުގައި ކުރިއަށް ނުދަނީސް އީވާ ވަކިކުރުމަށްފަހު އޭނާގެ ބަދަލުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެ މަޤާމަށް ހަމަޖެއްސުމަށް އެމްޑީޕީގެ ލީޑަރޝިޕުން ނިންމައިފިއެވެ.
އެމްޑީޕީގެ ތެރޭގައި 2 ފެކްޝަން އުފެދި ރައީސް ނަޝީދަށް ވަފާތެރި މެމްބަރުން އެ ޕާޓީއިން ވަކިވެ ވަޑައިގެން ”ފިކުރެއްގެ ދިރުން“ ނަމުގައި ފެއްޓެވި ޙަރަކާތުގެ ތެރެއިން ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާކަން އީވާ އިއުލާނުކުރެއްވުމާއެކު، މަޖިލީހުގެ ނައިބުރައީސްކަމުން އޭނާ ވަކިކުރުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ފާސްކޮށް، 50 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅިއެވެ.
އީވާ ވަކިކުރުމުން މަޖިލީހުގެ ނައިބުރައީސްކަމުގެ މަޤާމަށް ވަޑައިގަތުމުގެ ޝައުޤުގައި އުޅުއްވި މެމްބަރުންގެ ތެރެއިން އެންމެ އިސްކޮށް އުޅުއްވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކަމަށް ކުރިންވެސް ވަނީ އަޑުފެތުރިފައެވެ.
ރޮޒައިނާ މަޖިލީހުގެ ނައިބުރައީސްކަމަށް ގެންނަން އެމްޑީޕީގެ ލީޑާޝިޕުގެ ބޭފުޅުން ބޭނުންފުޅުވި ނަމަވެސް އަދި އެ ޕާޓީގެ ޕާލަމަންޓަރީ ގުރޫޕުން މިކަމުގައި ވަކި ގޮތެއް ނިންމާފައިނުވެއެވެ. އެހެންނަމަވެސް އީވާ މަޤާމުން ވަކިކުރުމުގެ ކުރިން ޕީޖީން ގޮތެއް ނިންމައި އިއުލާނުކުރާނެ ކަމަށް ބެލެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީގެ ޕީޖީއިން ތައްޔާރުވަމުން އަންނައިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްވެސް އެމްޑީޕީގެ ޕީޖީއިން ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެ މައްސަލަ ތާވަލުކުރެވިފައިނުވެއެވެ. އީވާގެ މައްސަލަވެސް އާދިއްތަ ދުވަހަށް އެޖެންޑާ ކުރުމަށްފަހު މިހާރު ވަނީ ތާވަލުން އެ މައްސަލަ ނަންގަވާފައެވެ.