ޚަބަރު

ޗެކްރިޕަބްލިކުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރަށް ފަތްކޮޅު އަރުވައިފި

ޗެކްރިޕަބްލިކް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑރ. އެލިސްކާ ޒިގޯވާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ.

ފަތްކޮޅު އެރުވުމުގެ މިރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޗެކްރިޕަބްލިކްގެ އައު ސަފީރުގެ މަޤާމާއި ޙަވާލުވެވަޑައިގެންނެވުމާއި ގުޅިގެން ޑރ އެލިސްކާ އަށް މަރުޙަބާ ވިދާޅުވެފައެވެ.

މިއަހަރަކީ، ޗެކްރިޕަބްލިކްއާ ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 30 އަހަރު ފުރޭ އަހަރުކަން އެދެބޭފުޅުންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ފާހަގަކުރައްވާފައެވެ. އަދި ދެޤައުމުގެ މެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުންވެސް ރައީސް ވާހަކަފުޅު ދައްކަވައިފައިވެއެވެ.

ޗެކްރިޕަބްލިކްގެ އައު ސަފިރާއިއެކު ބޭއްވި މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ފޮރިން އިންވެސްޓްމެންޓްތަކަށް އެކި ދާއިރާތަކުން ފުރުޞަތުތައް ހުޅުވާލާފައިވާކަން ފާހަގަކުރައްވައި، ޗެކްރިޕަބްލިކްގެ އިންވެސްޓަރުންނަށްވެސް ރާއްޖޭގައި އިންވެސްޓްކުރުމަށް ފުރުޞަތު އޮތް ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމާއި، ޞިއްޙީ ދާއިރާ އަދި ތިމާވެއްޓާއި، މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ޗެކްރިޕަބްލިކްގެ ސަފީރުގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ކުރިއަށް އޮތްތަނުގައި ދެޤައުމުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އުއްމީދުކުރައްވާ ކަމުގައި ވިދާޅުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button