ޚަބަރު

އެމްއޭސީއެލްގެ ފްލެޓްތައް ނުބެލެހެއްޓި، ބަލިމަޑު ކަމަކާ ދިމާލަށް!

ނިމިދިޔަ ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ތަރައްޤީ ކޮށްފައިވާ ފްލެޓްތައް ނުބެލެހެއްޓި އެތަނުގައި ދިރިއުޅޭ ފަރާތްތަކުން ބޮޑު ބަލިމަޑުކަމަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިމާރާތްކުރި ފްލެޓުތައް ލިބުނު މުވައްޒަފުންނާ އެތަންތަން ހަވާލުކޮށްފައިވަނީ 2022 ވަނަ އަަހަރުގެ އޮކްޓޯބަރު އެެއްވަނަ ދުވަހުއެވެ. ފްލެޓްތައް ހަވާލުކުރިތާ އަހަރެއްވެސް ނުވަނީސް ދެ އިމާރާތުގެ 99 އިންސައްތަ އެޕާޓްމަންޓްތަކުގައި ވަނީ ފަންގަސް ޖަހާފައެވެ. މިކަމާއި ގުޅިގެން ފްލެޓްތަކުގައި އުޅޭ ފަރާތްތަކުން ބުނީ މިއީ ފާރުތަކުގައި ކޮލިޓީދަށް ދަވާދު ބޭނުންކޮށްފައި ހުރުމުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ. އަދ މިހެން ފާހަގަކުރެވުނީ އަމިއްލަގޮތުން ފިނިޝިން ނިންމި ފްލެޓްތަކުގައި ކޮލިޓީ ރަނގަޅު ކުލަ ބޭނުންކޮށްފައިވުމުން މި މައްސަލަތައް ދިމާނުވާތީ ކަމަށްވެސް އެމީހުން ބުނެއެވެ.
ފްލެޓްގައި ދިރިއުޅޭ ފަރާތްތަކަކުން ”ބޮންތި“ ނޫހާއި ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން ”ބޮންތި“ ނޫހުގެ ފަރާތުން މިތަނަށްގޮސް ބެލި ބެލުމުން އިތުރު އެތައް މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ގިނަ އެޕާޓްމަންޓް ތަކެއްގައި ފަންގަސް ޖަހާފައިހުރުމުގެ ސަބަބުން އެތަނުގައި ނޭވާލުމަށްވެސް އުނދަގޫވިއެވެ.
އެމްއޭސީއެލް ފްލެޓްގެ އެޕާޓްމެންޓެއްގައި ފަންގަސް ޖަހާފަ
މި މައްސަލައާއި ގުޅިގެން ފްލެޓްގައި ދިރިއުޅޭ ފަރާތަކުން އެތައް އާއިލާތަކަކަށް ފަންގަސްގެ އަސަރުކޮށް ހޮސްޕިޓަލުން ސިއްޚީ ފަރުވާ ހޯދަމުންދާކަން ފާހަގަކޮށްލެވެއެވެ. ދޮށީ އުމުރުގެ މީހުންނާއި، ކުޑަކުދިންގެ އިތުރުން ހިތުގެ ބައްޔާއި ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ އެތައް ފަރާތަކަށް މިކަމުގެ ސަބަބުން ސިއްޚީ ބޮޑެތި މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުން ދާދިފަހުން 6 މަހުގެ ތުއްތު ކުއްޖެއްގެ ލޯ އިންފެކްޝަން ހެދިގެން ހުޅުމާލެ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯދާފައެވެ.
މީގެ އިތުރުން ފްލެޓްތަކުގެ ވައިގޮޅީގައި ފެންހެދި ގިނަ އަދަދެއްގެ ކުނި ޖަމާވެފައިވާއިރު ތިރީ ފްލޯރގައި ދިރިއުޅޭ ފަރާތްތަކަށް މިތަނުން ދުވާ ކުނިވަހާއި މަދިރީގެ ސަބަބުންވެސް ސިއްޚީގޮތުންވެސް ގެއްލުންތައް ވަމުންދާ ކަމާއި މިއީ އެމްއޭސިީއެލް ފްލެޓްތަކުގައި ދިރިއުޅޭ އެތައް އާއިލާއަކަށް މިއަދު އުޅެންޖެހިފައިވާ ދަތި ޙާލަތުކަމަށް އެފަރާތްތަކުން ބުނެއެވެ.
ފްލެޓްގެ ފާޚާނާއިގައި ބޭނުންކުރާ ސާމާނު ދަބަރަށްވެފަ
އެމްއޭސީއެލް ފްލެޓްތަކުގެ ފިނިޝިން މަސައްކަތަށް ބޭނުންވާ ސާމާނަކީ އެމްއޭސީއެލުން ހޯދާފައިވާ ތަކެތި ކަމަށްވާއިރު، ކޮލިޓީދަށް ސާމާނު ބޭނުންކޮށްފައި ހުރުމުގެ ސަބަބުން ފާޚާނަ އާއި ބަދިގޭގައި ހަރުކޮށްފައިވާ ސިންކް އިސްކުރުފަދަ ތަކެތީގައި ވަނީ ވަރަށްބޮޑަށް ދަބަރު ޖަހާފައެވެ.
ފްލެޓްގެ އިސްކުރުތަކުގައި ދަބަރު ޖަހާފަ
ފްލެޓްގައި ދިރިއުޅޭ ފަރާތަކުން ބުނީ އެތަނުގައި ދިރިއުޅޭ އެތައް އާއިލާއަކަށް އުފުލަން ޖެހިފައިވާ ބޮޑު ތަކުލީފުގެ ވާހަކަ އެމްއޭސީއެލްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓާއިވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މި ކަންބޮޑުވުންތައް ފޮޓޯއާއިއެކު ހިއްސާކުރުމުންވެސް މިކަމުގައި އެއްވެސް ވަރަކަށް އަޅާލާފައިނުވާ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
މި މައްސަލަތަކުގެ އިތުރުން ފްލެޓްތަކުން ކަރަންޓް ކެނޑޭ މައްސަލަވެސް އެފަރާތްތަކުން ފާހަގަކުރިއެވެ. އެގޮތުން ދެދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް އެކި އެޕާޓްމަންޓްތަކުން ކަރަންޓް ކެނޑުމުގެ މައްސަލައާއި ގުޅިގެން މީހުންގެ އަގުބޮޑެތި އިލެކްޓްރޯނިކް ސާމާނުތައް ދަނީ ހަލާކުވަމުންކަން ފާހަގަކުރިއެވެ.
އެހެންކަމުން އެމްއޭސީއެލް ފްލެޓްތަކުގައި ދިރިއުޅެމުންދާ އެތައް އާއިލާއަކަށް މިވަނީ ކުލީގެ އިތުރުން ދެގުނައަށް ޚަރަދުބޮޑުވެފައެވެ.
އެމްއޭސީއެލް ފްލެޓްގެ ވައިގޮޅީގައި ގިނަ އަދަދެއްގެ ކުނި

މިކަމާއިގުޅިގެން އެމްއޭސީއެލްގެ މީޑިއާ ކޯޑިނޭޓަރ ”ބޮންތި“ ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިކަން ވަނީ ކަމާއިބެހޭ ފަރާތާއި ހިއްސާކުރެވިފައި ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ތަރައްޤީ ކޮށްފައިވާ ފްލެޓް ތަކުގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްޞަކޮށް ފްލެޓްތަކުގެ އެތެރޭގައި ހަދާފައިވާ ސައިކަލު ޕާކިން ތަކުގައި ވެމްކޯގެ ކުނި ޑަސްބިންތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުންވެސް އެތަނުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްއޭސީއެލްގެ ފްލެޓްތައް މެއިންޓެއިން ނުކުރެވި ބޮއްސުންލައިން ގޮސްފައިވަނިކޮށް އެމްއޭސީއެލް އިން މިއަދު ވަނީ އެ އެޕާޓްމަންޓްތަކުން މެނޭޖްމަންޓް ފީ ނެގުމަށް އެކުލަވާލި ސަރކިއުލަރ އާންމުކޮށްފައެވެ. ސަރކިއުލަރގައި ބުނާގޮތުން މެނޭޖްމަންޓް ފީގެ ގޮތުގައި 3 ކޮޓަރީގެ ފްލެޓްތަކުން 1000.00 ރުފިޔާ އަދި 1 ކޮޓަރީގެ ފްލެޓްތަކުން 750.00 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button