ޚަބަރުސިޔާސީ

މަޖިލިސް ކޮންޓްރޯލް ކުރަނީ ރައީސް އިބްރާހިމްގެ އާއިލީ ބޭފުޅުން ކަމަށް ތުހުމަތު ކުރައްވައިފި

19 ވަނަ ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހުގެ އާއިލީ ބޭފުޅުން ކަމަށް އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ތުހުމަތު ކުރައްވައިފިއެވެ.
ވައްޑެ މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ އެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަޤާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުން ފާސްކުރުމާއި އެކު މަޖިލީހުގައި މިހާރު ހިނގަމުންދާ މައްސަލަތަކާއި ގުޅިގެން އެކަމަށް ޢިޝާރާތް ކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ވައްޑެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ޅިޔަނާ ކޮއްކޯފުޅު ލައްވައި ރައްޔިތުންގެ މަޖިލީސް އޮބަހައްޓައި ކޮންޓްރޯލު ކުރުވުމަކީ އަލުން އަނބުރާ 90 ގެ ތެރެއަށް ދިޔުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުން ހޫނުވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ނިޒާމު ގެއްލުވާލާ މަޖިލީސް ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ މަޖްލިސް މެމްބަރުން ރިޔާސަތަށް ހުރަސްއަޅަމުން ދިއުމާއި ގުޅިގެން މިއަދުގެ މަޖިލިސް ޖަލްސާ ކުރިއަށް ނުގެންދެވިގެން ވަނީ ނިންމާލާފައެވެ.
އެއަށްފަހު ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހުގެ އެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުން ވަނީ ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުން ފާސްކުރުމާއި ގުޅިގެން ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި އެޕާޓީގެ މިހާރުގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވިގޮތުގައި އެމްޑީޕީގައި މިހާރު ތިއްބެވީ 56 މެންބަރުންނެވެ. އޭގެ ތެރެއިން 42 މެންބަރުން ރައީސް ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލައިގައި ބައިވެރިވެވަޑައިގަތެވެ. ރިޔާސަތުން ވޯޓުގައި ބައިވެރިނުވެވޭއިރު، 41 މެންބަރުންގެ ތެރެއިން ރައީސް ނަޝީދު މަގާމުން ވަކި ކުރުމަށް ވޯޓު ދެއްވީ 36 މެންބަރުންނެވެ. އަދި ވޯޓު ނުދެއްވަނީ ކޮން 5 މެންބަރުންނެއްކަން އަސްލަމް ހާމައެއް ނުކުރައްވައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button