ޒަރީރު މަރާލަން އުޅުނުކަމަށް ތުހުމަތުކުރާ ގައްބަރޭގެ ބަންދަށް 30 ދުވަސް
ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރު މަރާލަން އުޅުނުކަމަށް ތުހުމަތު ކުރާ އިބްރާހީމް ޢަބްދުالله (ގައްބަރޭ) ގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
ކ. މާލެ / މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުالله (32އ) ހައްޔަރުކޮށްފައިވަނީ އޭނާ ހޯދަން ޢިއުލާނުކުރުމާއި ގުޅިގެން އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުންނެވެ. އަދި އޭނާގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގޭންގް މާރާމާރީ އާއިގުޅޭ ކުށުގެ އެތައް ރެކޯޑެއް އޮތް ގައްބަރޭ އަކީ މިހާރު ވެރިކަންކުރާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރެވެ. ގައްބަރޭ ހޯދުމަށް މިދިޔަ ހަފްތާގެ ހޯމަ ދުވަހު ފުލުހުން އިއުލާން ކޮށްފައިވަނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.
ޒަރީރަށް ތޫނު އެއްޗަކުން ޙަމަލާ ދިންކަމުގެ މައުލޫމާތު ފުލުހުންގެ އިދާރާއަށް ލިބިފައިވަނީ މި މަހު 1 ވަނަ ދުވަހުގެ ފަތިހު 05:08 ހާއިރު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. އަދި އޭރު ޒަރީރަށް ޙަމަލާ ދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް ކަމަށާ ޙަމަލާ ދިނީ ކޮން ބައެއްކަމެއް ފުލުހުން އޭރު ހާމައެއް ނުކުރެއެވެ.
މެމްބަރު ޒަރީރު ވަނީ މި ހަމަލާއާ ގުޅިގެން ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައެވެ.
ކ. މާލެ / މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުالله ނުވަތަ ގައްބަރޭއަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރައިލުމުގެ ކުށަށް މީގެ ކުރިން އިއުތިރާފުވެފައިވާ މީހެކެވެ. އޭގެ ފަހުން މޮނިކޮންގެ އަމުރާ ޚިލާފުވި މައްސަލައެއްވެސް އޭނާއާ ދެކޮޅަށް ހުށަހެޅިފައި އެބައޮތެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މާރާމާރީ އާއި ބޮޑެތި ކުށްތަކުގެ ގިނަ ރެކޯޑު އޮންނަ އެތައް ފަރާތްތަކެއް ރައީސް އިބްރާހިމްގެ ސަރުކާރުން ވަނީ ސިޔާސީ މަޤާމްތަކަށް އައްޔަން ކޮށްފައެވެ.