ޚަބަރު

ކަނޑު ވިއްކުމާއި ދެކޮޅު ބޮޑު އެއްވުން 2 ޖޫންގައި

ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުން ބޮޑު ބައެއް ގެއްލުވާލި މައްސަލައާއި ގުޅިގެން ގެއްލުނު ސަރަޙައްދު ހޯދުމަށް މަސައްކަތްކުރާ އިއްތިހާދުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު ޖަލްސާއެއް އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭގައި ބާއްވާނެކަމަށް އިޢުލާނު ކޮށްފިއެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގެވުމާ ވަގުތީ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ ކަނޑުން ބައެއް ގެއްލުނު މައްސަލައަކީ ސިޔާސީ މައްސަލައެއް ނޫން ކަމަށާއި، އެ މައްސަލާގައި ސަރުކާރު ޖަވާބުދާރީކުރުވުމަށް އެކުލަވާލާފައިވާ އިއްތިހާދަކީ ސިޔާސީ ފިކުރުތައް އެކަހެރިކުރުމަށްފަހު ޤައުމީ ވިސްނުމެއްގައި މަސައްކަތްކުރަން ނިކުމެ އޮތް ކޯލިޝަނެއް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޗާގޯސް މައްސަލައާއި ގުޅިގެން ޕެޓިޝަނެއްގައި ސޮއިކުރަން މިރެއިން ފެށިގެން ފަށާނެކަމާއި އެ މައްސަލައާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު ޖަލްސާއެއް އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭގައި ބާއްވާނެކަމަށްވެސް ވިދާޅުވިއެވެ.

މިރޭ ހުޅުވާލި ޕެޓިޝަނާ ގުޅޭ ގޮތުން ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވިދާޅުވީ މި ޕެޓިޝަނަކީ ސަރުކާރުން މި މައްސަލާގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވައިލާ ގޮވައިލުމެއް ކަމަށެވެ. އެގޮތުން ކަނޑުގެ ސަރަޙައްދުން ދޫކޮށްލުމަކީ ޤަބޫލުނުކުރާނެ ކަމެއްކަމަށާއި، ނިންމުން ބަލައިނުގަންނާނެކަން އިޓްލޮސްއަށް އެންގުމާއެކު، 200 ނޯޓިކަލް މޭލުގެ އިޤުތިޞާދީ ސަރަހައްދު ހޯދުމަށް މަސައްކަތްކުރުމަށާއި، މޮރިޝަސްގެ ބޮޑުވަޒީރަށް ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙު ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށްވެސް އެދިފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުރީގެ ބަންޑާރަނައިބު ޑރ. މުނައްވަރު ވިދާޅުވީ މިހާރު ވެރިކަމުގައި ތިއްބެވީ ޤައުމިއްޔަތުގެ ޒައްރެއްގެ މިންވަރުވެސް ނެތް ބައެއް ކަމަށާއި، މިކަމުގައި ދެން ކުރެވޭނެ ކަމެއް ނޯންނާނެކަމަށް ސަރުކާރުން ބުނާ ބުނުމަކީ ސީދާ ރައްޔިތުންނަށް ކުރާ މަލާމާތެއް ކަމަށެވެ. އަދި އެކަމުގައި ކުރެވޭނެ ކަންކަންވެސް ހުންނާނެ ކަމަށާއި، މުސްތަޤުބަލުގައި މި މަސައްކަތުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރަމުންގެންދާނެ ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.

ގުޅިފައިވާ އިއްތިހާދުން ބުނީ ކުރިއަށްއޮތް ދުވަސްތަކުގައި މިމަސައްކަތުގެދަށުން ކުރެވޭ ޤާނޫނީ ކަންކަމާއި ގުޅޭމަޢުލޫމާތުތައް ހިއްސާކުރަމުން ދާނެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button