ކަނޑު ވިއްކާލުމުގެ ފަހަތުގައި އޮތީ އިންޑިއާ: އުމަރު

ދިވެހި ރާއްޖޭގެ ކަނޑުގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ދިވެހި ސަރުކާރުން ވިއްކާލުމުގެ ފަހަތުގައި ވަނީ އަވަށްޓެރި އިންޑިއާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެހެންނަމަވެސް މި ސަރުކާރުން އެ ސްޓޭންޑު ބަދަލުކުރީ ކަމަށް އުމަރު ވިދާޅުވިއެވެ. މިއާއިއެކު އުމަރު ވިދާޅުވީ ޙަޤީޤަތުގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގަތީ މޮރީޝަސްއިން ނޫން ކަމަށާޢި މުޅި އެކަމުގެ ފަހަތުގައި އޮތީ އިންޑިއާކަމަށެވެ.
”ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގަތީ މޮރީޝަސް އަކުން ނޫން. މުޅި އެކަމުގެ ފަހަތުގައި އޮތީ އިންޑިއާ“ އުމަރު ވިދާޅުވިއެވެ.
އުމަރު ވަނީ ރާއްޖޭގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދަށް އދގެ އާންމު މަޖިލީހުގެ ރިޔާސަތު ލިބުމަކީވެސް މިފަދަ ކަންކަމުގެ ބަދަލުގެ ގޮތުގައި ލިބޭ ކަންކަން ކަމަށް ތުހުމަތު ކުރައްވާފައެވެ.
މީގެ އިތުރަށް އުމަރު ވިދާޅުވީ ޗާގޯސް މައްސަލައިގައި ވަކިވަކި ފަރާތްތަކަށް ފައިސާގެ ގޮތުގައި ބަދަލު ލިބިފައިވަނީ ކިހާ މިންވަރެއްކަން އެނގޭނީ ރައީސް އިބްރާހީމްގެ ސަރުކާރު ބަދަލުވެ، އެކަމުގެ ފުރިހަމަ ތަޙުޤީޤެއް ހިންގިގެން ކަމަށެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިޓްލޮސްގެ ނިންމުމާއި ދެކޮޅަށް ގުޅިފައިވާ އިއްތިހާދުން ކުރަމުންދާ ޤާނޫނީ މަސައްކަތްތަކާއިގުޅޭ މުހިންމު މަޢުލޫމާތުތަކެއް ވަނީ ހިއްސާކުރައްވާފައެވެ. އަދި ޗާގޯސް މައްސަލައާއި ގުޅިގެން ޕެޓިޝަނެއްގައި ސޮއިކުރަން މިރެއިން ފެށިގެން ފަށާނެކަމާއި އެ މައްސަލައާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޮޑު ޖަލްސާއެއް އަންނަ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭގައި ބާއްވާނެކަމަށްވެސް ވަނީ އިޢުލާނު ކުރައްވާފައެވެ.