ރައީސް އިބްރާހިމްގެ އިތުބާރުނެތް މައްސަލަ މަޖްލީހަށް ވެއްދުމަކީ ޤައުމީ މަޞްލަޙަތެއް: ސަލަފް ރައީސް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙުގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖްލީހަށް ވެއްދުމަކީ ޤައުމީ މަޞްލަޙަތެއް ކަމަށް ޖަމިއްޔަތުލް ސަލަފްގެ ރައީސް އައްޝެއިޚް އަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސަލަފްގެ ރައީސް މިފަދައިން ވިދާޅުވީ ޗާގޯސް މައްސަލައާއި ގުޅިގެން ރާއްޖޭގެ ސަރަޙައްދުން ބައެއް ގެއްލިގެން ދިއުމާއިއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ގިނަ ދީނީ ޢިލްމުވެރިންނާއި އެތައް އާންމުންގެ ފާޑުކިޔުމާއި ނުރުހުން ސަރުކާރަށް އަމާޒުވެފައި ވާ ދަނޑިވަޅެއްގައެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗާގޯސް މައްސަލައިގަ ޤައުމާއި ރައްޔިތުންނަށް ޚިޔާނާތްތެރިވެފައިވާތީ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖްލީހަށް ވެއްދުމަކީ ޤައުމީ މަޞްލަޙަތެއް ކަމަށެވެ.
މީގެ އިތުރަށް ޝެއިޚް ވިދާޅުވީ ޗާގޯސް މައްސަލައަކީ ރާއްޖޭގެ ޖިއޮގްރަފީ އިމާއި ގުޅިފައިވާ ސަރަޙައްދީ، ސިޔާދަތީ، ސީރިއަސް މައްސަލައެއްކަމުން މިމައްސަލަ ބެލެވެންޖެހޭނެ ކަމަށާއި ޤައުމުގެ އިމަކީ ބޮޑު އަމާނާތެއް ކަމަށެވެ.
ޗާގޯސް މައްސަލައިގާ ގައުމާއި ރައްޔިތުންނަށް ޚިޔާނާތްތެރިވެފައިވާތީ،ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖްލީހަށް ވެއްދުމަކީ ޤައުމީ މަޞްލަޙަތެއް.ރާއްޖޭގެ ޖިއޮގްރަފީ އިމާ ގުޅިފައިވާ ސަރަޙައްދީ،ސިޔާދަތީ،ސީރިއަސް މައްސަލައެއް.މައްސަލަ ބެލެވެންޖެހޭ!ގައުމުގެ އިމަކީ ބޮޑުއަމާނާތެއް! https://t.co/KuCwAGRfSc
— Abdullah bin janaab (@binjanaab) May 6, 2023
ޗާގޯސް މައްސަލައާއި ގުޅިގެން ރައީސް އިބްރާހީމްގެ ފެކްޝަނަށް ތާއީތުކުރާ މަދު ބަޔަކު ފިޔަވާ ބާކީތިބި ހުރިހާ އެންމެންދަނީ ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ކަނޑުގެ ސަރަޙާއްދުން ގެއްލުވާލި ބައި އަނބުރާ ހޯދުމުގެ މަސައްކަތްކުރުމަށް ތައްޔާރުވަމުންނެވެ.