ބަންދުގައި ހުއްޓާ ފިލިމީހާ ހޯދުމުގައި ކުރިއެރުންތަކެއް ލިބުނަސް މީހާ އަދިނުފެނޭ: ފުލުހުން

ޝަރީޢަތް ނިމެންދެން އއ.ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ހައްޔަރުކޮށްފައި ހުއްޓައި ފިލި މީހާ ހޯދުމުގައި ތަޙުޤީޤަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި އެހެންނަމަވެސް އަދި އެމީހާ ފެނިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލައިގެން ދިޔަ މީހާގެ ވަނަވަރު މިހާރު ފުލުހުން ވަނީ އާންމުކޮށްފައެވެ. ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ފިލައިގެން ގޮސްފައިވަނީ އއ.ހިމަންދޫ، ދަބުގެ، ހުސައިން ޝަޙްބާނުކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލާފައިވާތީ ޝަޙްބާން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އއ. ހިމަންދޫ /ދަބުގެ، ޙުސައިން ޝަޙްބާން (25އ)، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލާފައިވާތީ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. pic.twitter.com/4HXSRocKJA
— Maldives Police (@PoliceMv) May 6, 2023
ޙުސައިން ޝަޙްބާން އަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބަންދުގައި ހުރި މީހެއް ކަމަަށްވެސް ފުލުހުން ވަަނީ ބުނެފައެވެ.
މި މައްސަލަ އާއިގުޅޭގޮތުން އެކި ގޮތްގޮތަށް ޚަބަރުތައް ފަތުރަމުންދާތީ ސައްޚަ މަޢުލޫމާތު ހޯދުމަށް ”ބޮންތި“ ނޫހުން ގުޅުމުން ފުލުހުން ބުނީ ފުލުހުންގެ އާމަރީގެ ބައެއް ސާމާނު ގެންދިއަ ވާހަކަ އަކީ ޙަޤީޤަތެއް ނޫންކަމަށާއި، މީހާގެ ބައެއް އެހެނިހެން މަޢުލޫމާތު ހޯދިފައިވާކަމަށެވެ. އަދި ޝަޙްބާން ހޯދުމުގައި ތަޙުޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ޝަޙްބާން ފެނިފައިނުވާއިރު ތަޙުޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނީ ކޮން ގޮތަކުންތޯ ސުވާލުކުރުމުން ފުލުހުންބުނީ މިހާތަނަށް އާންމުންގެ އެހީއާއިއެކު ޝަޙްބާން އުޅެފައިވާ ބައެއް ސަރަޙައްދުތައް ދެނެގަނެވިފައިވާ ކަމަށެވެ. އަދިވެސް އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.
”ތަޙުޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އާންމުންގެ އެހީއާއިއެކު ޝަޙްބާން އުޅެފައިވާ ބައެއް ސަރަޙައްދުތައް ދެނެގަނެވިފައިވޭ.އެހެންނަމަވެސް އަދި ޝަޙްބާން ފެނިފައެއްނުވޭ“ ފުލުހުން ބުންޏެވެ.
މީގެ އިތުރުން ޙުސައިން ޝަޙްބާން އާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ރަސްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791394 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.