ޚަބަރު

ދީނީ ދަރުސް ބޭއްވުމަށް ހުރަސް އެޅުމަކީ ލާމަރުކަޒީ ކަމެއް ނޫން، ލާދީނީ ކަމެއް: ސަލަފް ރައީސް

ދީނީދަރުސްތައް ބޭއްވުމަށް މި ސަރުކާރުން ހުރަސްއަޅާ ލާމަރުކަޒީ ކެމްޕޭން ކުރުމަކީ ލާމަރުކަޒީކަމެއް ނޫން ކަމަށާއި އެއީ ލާދީނީކަމެއް ކަމުގައި ޖަމިއްޔަތުއް ސަލަފް ރައީސް ޝައިހް އަބްދުﷲ ބިން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަލަފް ރައީސް މިފަދައިން ވިދާޅުވީ ލ. މާވަށު ކައުންސިލާއި ގުޅިގެން ޖަމިއްޔަތުއް ސަލަފުން އެ ރަށުގައި ރޭ ބާއްވަން އުޅުނު ދަރުސް ބޭއްވުމަށް ސްކޫލް ހޯލް ދޫކުރެވެން ނެތްކަމަށް އަންގައި އެޑިއުކޭޝަން މިނިސްޓްރީން ދަރުސް ބޭއްވުމަށް ހުރަސް އެޅުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވީ ރަށްރަށުގެ އިޖްތިމާޢި ބޭނުންތަކަށް އާއްމުންނަށް ދޫކުރުމަށް އޮންނަ ސްކޫލް ހޯލުތައް ކައުންސިލްގެ އެދުމުގެ މަތީން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ލައިސަންސްއޮތް ޢިލްމުވެރިން މެދުވެރިކޮށް ދީނީދަރުސް ބޭއްވުމަށް ސްކޫލުން ދެއްވާފައިވަނިކޮށް، ސަރުކާރުން ހުރަސްއަޅާފައިވާކަމަށެވެ.

އަދި މިއާއިއެކު އޭނާ ވިދާޅުވީ ލާމަރުކަޒީ ކެމްޕޭން ކުރަމުންގެންދަވާ ސަރުކާރުން މިފަދަގޮތަކަށް ދީނީ ދަރުސް ބޭއްވުމަށް ހުރަސްއެޅުމީ ލާމަރުކަޒީކަމެއް ނޫންކަމަށާއި އެއީ ލާދީނީކަމެއްކަމަށެވެ.

އަދި އެއީ އިސްލާމީ ތަރުބިއްޔަތާއި މެދު ޓޮލަރެންސް ނެތްކަމާއި ދުލުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމުގައި ޝައިހް އަބްދުﷲ ބިން މުހައްމަދު ވިދާޅުވިއެވެ.

މާވަށުގައި ސަލަފުން ބޭއްވުމަށް އިންތިޒާމްކުރި ދަރުހަށް ހުރަސްއެޅުމާއި ގުޅޭގޮތުން މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ އޮންލައިން ނޫސް ދިޔަރެސްއަށް މައުލޫމާތު ދެއްވިގޮތުގައި އިލްމީ ޖަމިއްޔާއާއި ސަލަފް ގުޅިގެން ރޭ ދަރުސް ދިނުމަށް ސްކޫލު ހޯލް ހޯދަން އެދުމުން ހޯލް ހަމަޖެހިފައިވާ ކަމަށްބުނެ ކުރިން ޕްރިންސިޕަލް ސޮއިކޮށް ސިޓީވެސް ލިބުނެވެ.

އެހެން ނަމަވެސް އެ ދަރުސް ބޭއްވުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އެ އިވެންޓަށް ހޯލް ދޫނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން ސްކޫލުންއެގޮތަށް ކައުންސިލަށް އަންގާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއާއިއެކު އޭނާ ވަނީ ކައުންސިލުން އިސްވެ އޮވެ މުޅި އަތޮޅުގައި ރައްޔިތުންނަށް ދީނީ މައުލޫމާތު ދިނުމަށް ކުރިއަށްގެންދާ ދަރުހަކަށް އެޑިއުކޭޝަންމިނިސްޓްރީން ހުރަސްއެޅުން ކުށްވެރިކޮށް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ދާދިފަހުން ޖަމިއްޔަތުއް ސަލަފްގެ ފަރާތުން ގދ. ފަރެސްމާތޮޑާގައި ބާއްވަން އުޅުނުއަލީ ރަމީޒާއެކުއިވެންޓަށްވެސް އެޑިއުކޭޝަނުން ވަނީ ހުރަސްއަޅާފަވެ. އެގޮތުން އެ އިވެންޓު ބޭއްވުމަށްވެސް ސްކޫލު ހޯލް ދޫކުރުމަށްފަހު، އިވެންޓު ބާއްވަން އުޅުނު ދުވަހު ކުއްލިއަކަށް ވަނީ ހުއްދަ އަނބުރާ ގެންގޮސްފައެވެ.

ފާހަގަކޮށްލެވޭގޮތުގައި ރާއްޖޭގެ އިޖްތިމާޢީ ފޭރާން ވީދި ޤައުމު މިއޮތް ޙާލަތާއިގުޅިގެން މިފަދަ ދަރުސްތައް ދިނުމަށް ޢިލްމުވެރިންނާއި ދީނީ ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ދަނީ ވަރަށްބޮޑަށް ހުރަސް އަޅަމުންނެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button