ޚަބަރު

ހެއްކާބެހޭ ގާނޫނު އިސްލާހުނުކޮށް މަޖިލިސް ޗުއްޓީއަށް ދިޔުމުން ކަންބޮޑުވުން ފައުޅުކޮށްފި

ހެއްކާބެހޭ ގާނޫނު އިސްލާހުނުކޮށް މަޖިލިސް ޗުއްޓީއަށް ދިޔުމުން ކަންބޮޑުވުން ފައުޅުކޮށް މީޑިއާ ކައުންސިލުން އަދި ނޫސްވެރިން ނޫސްބަޔާނެއް ނެރެފިއެވެ.

އެ ބަޔާނުގައި ބުނެފައިވާގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބޭނެހެން، ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުވާ މާއްދާއެއް، ހެއްކާބެހޭ ގާނޫނުގެ 136ވަނަ މާއްދާގައި ވެއެވެ. އެކަމަކީ މީޑިއާ ކައުންސިލާއި، ރާއްޖޭގެ ހުރިހާ ނޫސްވެރިންވެސް ކަންބޮޑުވާ މައްސަލައެއްކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ މައްސަލަ ފެންމަތިވުމާއެކު، މީޑިއާ ކައުންސިލުން ހެއްކާބެހޭ ގާނޫނުގެ އެ މާއްދާ، އެ ގާނޫނުން އުނިކޮށްދިނުމަށް އެދި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެދިފައިވާނެކަމަށާއި، ނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުން އިންތިހާއަށް އޮތް އެ މާއްދާއާއެކު ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކޮށް، މިހާރު ވަނީ އެ ގާނޫނަށް އަމަލު ކުރާތާ 3 މަހަށް ވުރެ ގިނަ ދުވަސްވެފައިކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.

މީޑިއާ ކައުންސިލުން ހިއްސާކުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުން އަލުން ހެއްކާބެހޭ ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކުރަން ފަށާފައިވާތީ، އެކަމަށް މަރުހަބާ ކިޔާކަމަށް މީޑިއާ ކައުންސިލުން ބުނެފައިވެއެވެ. ނަމަވެސް މި މައްސަލައަކީ ނޫސްވެރިންނަށް ވަރަށް ހައްސާސް މައްސަލައެއްކަމަށާއި، އެކަން އިސްލާހުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެކަށީގެންވާ ބާރު މިނެއްގައި ކުރަމުން ނުދާކަމަށް އެ ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

“ ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތް ހެއްކާ ބެހޭ ގާނޫނު އިސްލާހު ނުކޮށް އެތައް ދުވަހެއް ހޭދަވަމުން ދަނިކޮށް، އަލުން އެ ގާނޫނު އިސްލާހު ނުކޮށް އަނބުރާ ކޮމިޓީ އަށް ފޮނުވައިލުމަށް ފަހު މަޖިލިސް ޗުއްޓީ އަށް ދިޔުމަކީ މި ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށްޓައި ސަރުކާރުން އަހަންމިއްޔަތުކަން ދޭ މިންވަރާ މެދު ސުވާލު އުފެދޭ ކަމެކެވެ.“ މީޑިއާ ކައުންސިލުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ހެއްކާބެހޭ ގާނޫނުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުވާ މާއްދާ އޮތް އޮތުމަކީ އެކަމުގެ ސަބަބުން ނޫސްވެރިންނަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބޭނެކަމެއްކަމަށް ފާހަގަކުރަމުން އެ ކައުންސިލުން ބުނެފައިވަނީ އެކަމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތްތަށްވެސް ބޮޑެތި ހުރަސްތަކެއް އެޅޭނެކަމަށެވެ.

ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ބުނާ ގޮތުންނަމަ، ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަޙްޤީޤުކުރާ ފަރާތުން ނުވަތަ ޕްރޮސކިޔުޓަރ ޖެނެރަލް ނުވަތަ ދަޢުވާލިބޭ ފަރާތުން ނޫސްވެރިޔާގެ މަޞްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ޙާލަތްތަކެއްގައި އެ މަޞްދަރު ހާމަކުރުމަށް ޝަރީޢަތުން މަޖުބޫރުކުރެވިދާނެއެވެ. ނަމަވެސް މީޑިއާ ކައުންސިލުން ބުނެފައިވަނީ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ، އެއްވެސް ގާނޫނެއްގައި ތަފްސީލްކޮށް ކަނޑައަޅާފައި ބަޔާންކޮށްދީފައިވާ ކުށްތަކަށް ނުވާއިރު، ވަރަށް ފުޅާކޮށް މާނަކުރެވިދާނެ ކަމަކަށްވާތީ އޭގެ ނާޖާއިޒު ފައިދާނެގޭނެ ފުރުސަތުތައް އެ މާއްދާގެ ސަބަބުންހުޅުވިގެންދާނެއެވެ.

މީގެ އިތުރުން، ޓެރަރިޒަމްގެ ގާނޫނަށް ބަލާއިރު، ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ކުށްތަކަކީ، ތަނަކަށް ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އަންނާނެ ކަމަކަށް ނުވާއިރު، އެކަންކަމަށްވެސް  ރިއާޔަތްކުރުން މުހިއްމުކަމަށް ދެކޭ ކަމުގައި މީޑިއާ ކައުންސިލުން ބުނެފައިވެއެވެ.

”މީގެ އިތުރުން، ޕްރޮސެކިއުޓަރ ޖެނެރަލް ނުވަތަ ދަޢުވާލިބޭ ފަރާތުން މަސްދަރު ހޯދަން އެދުމުގެ ބަދަލުގައި، އާންމު އުސޫލެއްގެ ގޮތުން އެކަންކަމަކީ ތަހުގީގު މަރުހަލާގައި ހޯދަންޖެހޭ މައުލޫމާތަށްވާތީ، ހަމަ އެކަނި ތަހުގީގީ އިދާރާއިން އެދުމުން، އެ ނޫން އެއްވެސް ގޮތެއް ނެތިގެން މެނުވީ މަސްދަރު ނުހޯދޭނެގޮތަށް ހިމެނުމަށްވެސް ފާހަގަކޮށްފައިވާނެ އެވެ. ހަމަ އެހެންމެ، އެ މާއްދާގައި ބަޔާންކުރާ ހާލަތެއް ސާބިތު ކުރުމުގެ ބަދަލުގައި 136 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް ވެސް މަދަނީ މިންގަނޑުން ސާބިތުރުކުރެވިގެން މެނުވީ މަސްދަރު ހާމަކުރުމަށް ނޭންގޭނެ ގޮތަށް ހިމެނުމަށްވެސް މި ކައުންސިލުން ވާނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅައިފަ އެވެ“.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ރާއްޖޭގެ ނޫސްވެރިންގެ ނަމުގައި ނެރުނު މި ނޫސްބަޔާނުގައި، މީޑިއާ ކައުންސިލުން ބުނީ އެކައުންސިލުން ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާ އެއްކޮށް އުނިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާނެކަމަށާއި ނަމަވެސް އެ މާއްދާ އެއްކޮށް އުނިކުރަން ނުނިންމި ނަމަވެސް އެ ކައުންސިލުން ހިއްސާކޮށްފައިވާ މާއްދާތަކަށް ރިއާޔަތްކޮށް ވީހާވެސް އަވަހަށް ގާނޫނު އިސްލާހުކުރުމަށް އެ ކައުންސިލުން ވަނީ ގޮވާލާފައެވެ. އަދި އެ ގާނޫނު މިހާރު އެ އޮތްގޮތަށް އޮތުމުގެ ސަބަބުން ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖެއަށް ހީނަރުކަން އަންނާނެކަމަށް އެ ކައުންސިލުން ގަބޫލުކުރާ ކަމަށާއި އެ މައްސަލަ އިތުރަށް ދިގުނުދަންމައި ވީހާވެސް އަވަހަށް ހައްލެއް ހޯދައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށްވެސް އެ ކައުންސިލުންވަނީ ގޮވާލާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button