ޚަބަރު

”ދައުރު“ގެ ނޫސްވެރިންނަށް ސިޔާމް ބިރުދެއްކި ކަމުގެ ހެކި އެބަހުރި ކަމަށް ނޫސްވެރިން ބުނެފި

”ދައުރު“ ނޫހުގައި ލިޔުނު ”ސިޔާމާއި ހިލްޓަންގެ މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް“ ރިޕޯޓާއި ގުޅިގެން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ނޫސްވެރިންނަށް އިންޒާރު ނުދޭކަމަށް ވިދާޅުވި ނަމަވެސް، އެކަމުގެ ހެކި އެބަހުރި ކަމަށް ނޫސްވެރިޔާ ބުނެފިއެވެ.

އެ ރިޕޯޓާ ގުޅިގެން ”ދައުރު“ ނޫހުގެ ގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނާއިފަށާއި އަދި އެ ނޫހުގެ ސީނިއަރ އެޑިޓަރަށް ސިޔާމް ގުޅައި ބިރުދެއްކި ކަމަށް ނޫސްވެރިންބުނެއެވެ. އެގޮތުން ސިޔާމްގެ ކޯލަށްފަހު އެހެން ނަންބަރުތަކުން ނޫސްވެރިޔާއަށް މަރުގެ އިންޒާރުގެ ކޯލުތަކާއި މެސެޖުތައް ލިބިފައިވާއިރު އެ އިންޒާރުތަކުގައި ބުނެފައިވަނީ މަގުމަތިން އެމީހުންނާ ދިމާކޮށްލާނެކަމަށާއި އެމީހުންގެ ފުރާނަ ދުއްވާލަންވެސް ފަސްނުޖެހޭނެކަމަށެވެ.

މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާއިރު، މި ކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށް، މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވަނީ 10 އޭޕްރީލުގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައި، އެ މައްސަލައިގެ ފުރިހަމަ ތަހްގީގެއް ކުރެއްވުމަށް އެދި ސަރުކާރަށާއި ތަހްގީގީ އިދާރާތަކަށް ގޮވާލައްވާފައެވެ.

ނޫސްވެރިންނަށް އިންޒާރުދިން މައްސަލަ ދޮގުކޮށް ސަން ޓްރެވެލްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ރިޕޯޓު ލިޔުނު ނޫސްވެރިޔާ ނުވަތަ އެ ނޫހަށްވެސް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ސިޔާމް ނުވަތަ ސަން ޓްރެވެލްސްއިން އެއްވެސް އިންޒާރެއް ދީފައިނުވާނެކަމަށެވެ. އަދި ”ދައުރު“ ނޫހުން އެ ރިޕޯޓު ލިޔުނުއިރު ކަމުގެ ސައްހަ މައުލޫމާތު ގެނެސްދީފައިނުވާކަމަށާއި އޭގެ ބަދަލުގައި އެ ނޫހުން މަސައްކަތްކޮށްފައިވަނީ ސަން ގްރޫޕުގެ ކުންފުނިތަކާއި ސިޔާމުގެ ނަމަށް ހުރުކޮށް ގެއްލުން ދިނުމަށްކަމަށްވެސް ސަން ޓްރެވެލްސްއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެކުންފުނިން ނެރުނު ބަޔާނުގައި މިހެން ދަންނަވާފައިވީނަމަވެސް، ނޫސްވެރިޔާ ނާއިފު ވިދާޅުވެފައިވަނީ، އެ ރިޕޯޓު ލިޔުމުގައި ރައްދުވާ ފަރާތުގެ ވާހަކަތަށްވެސް އެކަށީގެންވާ ފުރުސަރު ދީފައިވާނެކަމަށެވެ. އަދި އެ އާޓިކަލް ލިޔުއްވިއިރު އަމަލުކުރެއްވީ ނޫސްވެރިކަމުގެ ކޯޑް އޮފް އެތިކްސާއާ އެއްގޮތަށްކަމަށްވެސް ނާއިފު ވިދާޅުވެއެވެ.

މީގެ އިތުރުން، ސަން ޓްރެވެލްސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ރިޕޯޓާ ގުޅިގެން އެ ކުންފުންޏަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިފައިވާކަމަށާއި، އެ ރިޕޯޓު ލިޔުނު ނޫސްވެރިޔާގެ ލިޔުމާ ގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމާމެދު، ސަންޓްރެވެލްސްއިންނާއި އަހްމަދު ސިޔާމުގެ ފަރާތުން ދިރާސާކުރަމުންދާކަމަށެވެ.

އެ ރިޕޯޓު ޝާއިއުކުރުމާއެކު މަރުގެ އިންޒާރު ލިބުނު ނޫސްވެރިޔާ އަހްމަދު ނާއިފާ ހަވާލާދީ ”ދިޔަރެސް“ ނޫހުގައި ބުނެފައިވަނީ އެ ރިޕޯޓާ ގުޅިގެން ފާއިތުވި ހުކުރު ދުވަހުގެ މެންދުރު 14:02 އާއި 15:00 އާ ދެމެދު ސިޔާމް ގެންގުޅުއްވާ ރަސްމީ ނަންބަރުން ވަޓްސްއެޕް މެދުވެރިކޮށް ”ދައުރު“ ނޫހުގެ މެނޭޖިންގ އެޑިޓަރު ކަމަށްވާ ހިރިގާ އަހުމަދު ޒާހިރަށް ތަކުރާރުކޮށް ގުޅުއްވާފައިކަމަށެވެ. އަދި ސިޔާމް ވަނީ އެކަމާއި ގުޅިގެން ހަޑިހުތުރުބަހުން ވާހަކަދައްކަވައި ކޯފާ އިސްކުރައްވާފައިކަމަށް އަހުމަދު ނާއިފްއާ ހަވާލާދީ ”ދިޔަރެސް“ ނޫހުން ބުނެފައިވެއެވެ.

އަދި ސިޔާމް ގުޅުއްވައި ”މިދެނީ ފަހުގެ އިންޒާރު“ ކަމަށާއި ”އާޓިކަލް ވަގުތުން ނަގަން“ އެބޭފުޅާ އެންގެވި ކަމަށާއި، ނަމަވެސް ވަޓްސްއެޕްއިން ސިޔާމް ފޮނުއްވި މެސެޖުތައް ފޮހެލާފައިވާކަމާއި ނަމަވެސް ސިޔާމްގެ ގުޅުއްވި ކަމުގެ ހެކިތަކާއި މެސެޖުތައް ފޮހެލިކަމުގެ ހެކިތައް މިހާރުވެސް އެބަހުރި ކަމަށް ނޫސްވެރިޔާ ނާއިފު މައުލާތުދެއްވައެވެ.

”އެކި ނަންބަރުތަކުން އިންޒާރުގެ މެސެޖުތައް އަޅުގަނޑަށްވެސް އަދި ހިރިގާއަށްވެސް އަންނަންފެށީ ސިޔާމްގެ އެ އިންޒާރުތަކަށްފަހު އެވެ. ހިރިގާ ޒާހިރުއަށް މެސެޖުތައް ލިބެންފެށީ 7 އޭޕްރީލް 2023 ގެ 15:00 ގެ ފަހުން އަދި އަޅުގަނޑަށް އިންޒާރުގެ މެސެޖުތައް ލިބެންފެށީ ހަމަ އެދުވަހުގެ ހަވީރު 4:30 ހާއިރުން ފެށިގެން،… އަޅުގަނޑާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ގޮތުން ޑިފަމޭޝަންގެ ނުވަތަ އަބުރަށް އަރައިގަތުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅުމަށް ދިރާސާކުރަމުންދާކަމަށް ބުނެފައިވާތީ، އެއީ އަޅުގަނޑުގެ ލިޔުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކަށް އޮންނާނެ ހައްގެއް ކަމަށާއި، އަބުރަށް އަޅުގަނޑު އަރައިގަނެފައިވާ ކަމަށް އެއްވެސް ފަރާތަކަށް ގަބޫލުކުރެއްވޭނަމަ ކޯޓަށް ވަޑައިގަތުމަށް މަރުހަބާ ކިޔަން،“ ނާއިފް ވިދާޅުވި ކަމަށް ”ދިޔަރެސް“ ނޫހުގައި ބުނެފައިއެވެ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button