ޚަބަރު

ނޫސްވެރިންނަށް މަރުގެ އިންޒާރުދީ ބިރުދައްކާ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅައިފި

”ދައުރު“ ނޫހުގެ ނޫސްވެރިންތަކަކަށް މަރުގެ އިންޒާރުދީ ބިރުދެއްކި މައްސަލައިގެ ފުރިހަމަ ތަހްގީގެއް ހިންގުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.

އާޒިމް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ”ދައުރު“ ނޫހުގެ ނޫސްވެރިންގެ ތެރޭގައި ހިމެނޭ އަދި މޯލްޑިވްސް ޖާރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނާއިފަށާއި އަދި ”ދައުރު“ ނޫހުގެ ސީނިއަރ އެޑިޓަރަކަށް އެކި ނަންބަރު ތަކުން ގުޅައި އަދި މެސެޖުކޮށް މަރުގެ އިންޒާރުދި ބިރުދެއްކި މައްސަލައާ ގުޅިގެން އެފަރާތްތަކުންނާއި މީޑިއާއިން ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާކަމަށެވެ.

އަދި މި އިންޒާރުތައް ދީފައިމިވަނީ ”ސިޔާމާއި ހިލްޓަންގެ މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއެ“ މި ސުރުހީގެ ދަށުން ނޫސްވެރިޔާ އަހްމަދު ނާއިފު އަދި ސީނިއަރ އެޑިޓަރު ޝާއިއުކޮށްފައިވާ ރިޕޯޓަކާ ގުޅިގެންކަމަށެވެ. މި ރިޕޯޓު ލިޔުމާ ގުޅިގެން އެ ނޫށްވެރިންނަށް މަރުގެ އިންޒާރުތައް އައިސްފައިވާއިރު، އެ އިންޒާރުތަކުގައި މަގުމަތިން ދިމާކޮށްލާނޭކަމަށާއި، ފުރާނަ ދުއްވާލަންވެސް ފަސްނުޖެހޭނެކަމަށް ބުނެފައިވާކަމަށް އާޒިމު ވިދާޅުވެފައިވެއެވެ.

އިންޒާރުގެ ފޯނުކޯލުތަކާ އެކުގައި އިންޒާރުގެ މެސެޖުތަކެއްވެސް އެ ނޫސްވެރިންނަށް ލިބިފައިވާކަމަށާއި އެ ޓެކްސްޓު މެސެޖުތައް އެ ނުސްވެރިން މިހާރު ހާމަކޮށްފައިވާކަމަށްވެސް އާޒިމުގެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

”ދައުރު“ ގެ ނޫސްވެރިން ޝާއިއުކުރި ރިޕޯޓަކީ މިހާރު މިއޮތް ސަރުކާރާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް ނިންމާފައިވާ އެމްޑިއޭ ގެ ލީޑަރު ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް އާއި ގުޅުންއޮތް މައްސަލައެއް ކަމަށްވެސް އާޒިމު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މި ނޫސްވެރިންނަށް މަރުގެ އިންޒާރު ލިބިފައިވާއިރު މީގެ ކުރިންވެސް މިފަދަ ކަންތައް ފެނިފައިވާކަމަށެވެ. އެގޮތުން މީގެ ކުރިން ނޫސްވެރިންނަށް މަރުގެ އިންޒާރުތައް ދީފައިވާކަމަށާއި، އޭގެ ފަހުން ނޫސްވެރިން ވަގަށްނެގުމާއި އަދި ހަމަލާތަކުގެ މައްސަލަތައް ފެންމަތިވި ނަމަވެސް އެ މައްސަލަތަކާ ގުޅިގެން ފުރިހަމަ ތަހްގީގެއް ކުރެވިފައިނުވާކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.

”…ނޫސްވެރިންނަށް ދީފައިވާ މަރުގެ އިންޒާރުތަކާއި ނޫސްވެރިން ވަގަށްނެގުމާއި އަދި ހަމަލާތަކިގެ މައްސަލަތަކުގެ ފުރިހަމަ ތަހްގީގެއް ހިންގައި އިންސާފު ގާއިމުކޮށްދެވިފައިނުވުމާއި، އެ ބިރުވެރިކަން ފިލާގޮސްފައިވާ ނުވަތަ ހަށިފުރާނައިގެ ރައްކާތެރިކަން ނޫސްވެރިންނަށް އޮތް މާހައުލެއް ބިނާކޮށްދެވިފައިނުވާ…“ ކަމަށް އާޒިމުގެ މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު މިސަރުކާރު ވެރިކަމަށް އައިފަހުންވެސް ދުވަހެއް ދުވަހަކަށް ނޫސްވެރިކަމުގެ މިނިވަންކަން ނެތެމުންދާކަމަށާއި، ނޫސްވެރިންނަށް ރައްކާތެރިކަމެއް ނެތުމުގެ އިތުރުން އެމީހުންގެ މިނިވަންކަން ގެއްލިދާނެތީ، މިފަދަ މައްސަލަތަކުގައި ފުރިހަމަ ތަހްގީގެއް ހިންފައި އަވަސް ފިޔަވަޅެއް އެޅުމަށް ސަރުކާރަށާއި، ތަހްގީގީ އިދާރާތަކަށް އާޒިމްވަނީ ގޮވާލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button