ޚަބަރު

މަރުގެ އިންޒާރުދިން މައްސަލަ ބަލަންޖެހޭ: އަލީ އާޒިމް

ދައުރު ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދިން މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް  ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ގޮވާލައިފިއެވެ. 

މި މައްސަލަ ވަނީ ކުއްލި މައްސަލައެއް ގޮތުގައި ނަގައި ބަހުސްކުރެވިފައެވެ.

މައްސަލައާ ގުޅިގެން ނެގި ވޯޓުގައި ބައިވެރިވި 19 މެންބަރުންގެ ތެރެއިން ބަހުސް ކުރަން ފެންނަކަމަށް 18 މެންބަރަކު ވޯޓު ދީފައިވާއިރު ނުފެންނަކަމަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

އާޒިމްގެ ކުއްލި މައްސަލާގައި ވިދާޅުވެފައިވަނީ ދައުރު ނޫހުގެ ނޫސްވެރިންގެ ތެރޭގައި ހިމެނޭ އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނާއިފަށާއި އަދި އެ ނޫހުގެ ސީނިއާ އެޑިޓަރަކަށް އެކި ނަންބަރުތަކުން ގުޅާ މެސެޖުކޮށް މަރުގެ އިންޒާރު ދިން މައްސަލައިގެ ކަންބޮޑުވުން އެފަރާތްތަކުންނާއި މީޑިއާއިން ފާޅުކޮށް އެ މައްސަލަ ރައްޔިތުންގެ ސަމާލުކަމަށް  ގެންސްފައިވާކަމަށެވެ.
 މަރުގެ އިންޒާރު ދީފައިވަނީ ”ސިޔާމް ހިލްޓަން މައްސަލަ: ރާއްޖެއިން އިންވެސްޓަރުންނަށް ރަތުގެ އިންޒާރެއް!“ މި ސުރުހީގެ ދަށުން ނޫސްވެރިޔާ އަހްމަދު ނާއިފް ދައުރު ނޫހުގައި 6 އޭޕްރިލް 2023 ވަނަ ދުވަހު ޝާއިއުކުރި އާޓިކަލްއާ ގުޅިގެންކަމަށް  ބުނެފައިވާކަމަށެވެ.
އެގޮތުން ދިން މަރުގެ އިންޒާރުގައި މަގުމަތިން ދިމާކުރާނެކަމަށާއި ފުރާނަ ދުއްވައިލަން ފަސް ނުޖެހޭނެކަމަށް ބުނެފައިވާކަމަށް އާޒިމް ފާހަގަކުރައްވާފައިވެއެވެ.
އާޒިމް ވިދާޅުވީ  ދީފައިވާ އިންޒާރުތަކުގެ ޓެކްސްޓް މެސެޖުތައް އެ ނޫސްވެރިން ހާމަކޮށްފައިވާކަމަށާއި އަދި އެ ސުރުހީގެ ދަށުން ލިޔެފައިވާ އާޓިކަލްއަކީ މިހާރުވެސް ސަރުކާރާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމަށް ނިންމާފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމްއާ ގުޅުން އޮތް ހަބަރެއްކަމަށެވެ.
 ނޫސްވެރިންނަށް މަރުގެ އިންޒާރު ދީފައިވާއިރު  އާޒިމް ވިދާޅުވީ ނޫސްވެރިންނަށް ރައްކާތެރި  މާހައުލެއް މި ސަރުކާރަށް ބިނާކޮށްދެވިފައި ނުވާކަމަށެވެ.

 ނޫސްވެރިންނަށް ދެމުންދާ މަރުގެ އިންޒާރުތަކަށް ސަރުކާރުގެ ތަހްގީގީ އިދާރާތަކުން ފުރިހަމައަށް ސަމާލުކަންދީ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އާޒިމް ގޮވާލެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button