ޚަބަރު

ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސް އޮފީހާ ހިއްސާކޮށްފި

ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އަޑު އުފުލައި, އެކަންކަން ރައީސް އޮފީހާ ހިއްސާކޮށްފި އެވެ. ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކާ ގުޅޭ ގޮތުން އަޑުއުފުލައި އެކަންކަމަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލައި 3 މެއިގައި އެއްވުމެއްވެސް ވަނީ ބާއްވާފައެވެ.

ނޫސްވެރިކަމުގެ މިނިވަކަންކަމުގެ ދުވަހާ ގުޅިގެން ބުދަ ދުވަހު އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމުގައި ގިނަ ނޫސްވެރިންތަކެއް އެކި މީޑިއާއިން ބައިވެރިވެފައިވާއިރު, ނޫސްވެރިންގެ އަޑު އުފުލި މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގައި ތާށިވެފައި އޮތް ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްނުކޮށް ލަސްކުރަމުންދާ މައްސަލަ ހިމެނެއެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް ހާރިޒީ މަސްލަހަތާ ގުޅޭ ބިލުން ނޫސްވެރިން އިސްތިސްނާ ކުރުމަށް ގޮވާލާފައިވެއެވެ. ހަމައެއާއެކު, މި އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެކި ގޮތްގޮތުން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް ކުރަމުންދާ ކަންކަން ހުއްޓާލުމަށް ގޮވާލާފައިވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ, 13 ދަރަޖަ ދަށަށް ގޮސްފައިވާއިރު އެކަމުގެ ކަންބޮޑުވުންތައް ވެސް ނޫސްވެރިން ފާޅުކުރިއިރު ނޫސްވެރިންނަށް ލިބެމުންދާ އިންޒާރުތަކާ ގުޅޭ މައްސަލަތައް އެއްވެސް ގޮތަކަށް ނުބެލި, އެކަށީގެންވާ އެއްވެސް ފިޔަވަޅެއް މިހާތަނަށް އެޅިފައިނުވާ މައްސަލާގައި ވެސް ނޫސްވެރިން އަޑުއުފުލިއެވެ. އާޓިފިޝަލް ބީޗްގައި އެއްވުން ބޭއްވުމަށްފަހު ނޫސްވެރިން ވަނީ ފާޅުކުރި ކަންބޮޑުވުންތަކާ ގުޅޭ ސިޓީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ކުރެއްވުމަށްޓަކައި ރައީސް އޮފީސް ދޮށަށް ގޮސްފައެވެ. ނޫސްވެރިންގެ ފަރާތުން ރައީސަށް އަރުވާ އެ ސިޓީއާ ރައީސް އޮފީހުގެ ސެކްރެޓަރީ ކޮމިއުނިކޭޝަންސް މުހައްމަދު ހިސާން އަލީ ފަހުމީ ހަވާލުވެވަޑައިގެންނެވިއެވެ. ސިޓީގެ އިތުރުން އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ގެ ފަރާތުން މިއަދު ނެރުނު ރާއްޖެއާ ގުޅޭ ރިޕޯޓް, އެމްޖޭއޭގެ ފަރާތުން ރައީސް އޮފީހަށް ވަނީ އަރުވާފައެވެ. މި ރިޕޯޓްގައި ވޭތުވެދިޔަ އަހަރުގެ ތެރޭގައި ނޫސްވެރިންނަށް ދިމާވި ގޮންޖެހުންތައް ތަފްސީލު ގޮތެއްގައި ފާހަގަކޮށްފައިވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެމްޖޭއޭ އާއި މޯލްޑިވަސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން ގުޅިގެން ”ނޫސްވެރިންގެ ސައްލާ“ގެ ނަމުގައި ޕެނަލް ޑިސްކަޝަން ހަރަކާތެއް ވެސް މިއަދު ވަނީ ހަވީރު ވަނީ ފަށާފައެވެ. އެގޮތުން މި ހަރަކާތުގެ ތެރެއިން ފުރަތަމަ ޕެނަލް ޑިސްކަޝަން މިއަދު ހަވީރު ބާއްވާފައިވެއެވެ. އެއީ ނޫސްތަކުގެ މާލީ މިނިވަންކަމާ ގުޅޭ ޕެނަލް ޑިސްކަޝަނެކެވެ. މިރޭ އަދި މާދަމާ މެންދުރުފަހާއި ހަވީރު އަދި ރޭގަނޑު ވެސް ޕެނަލް ޑިސްކަޝްން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button