
ރާއްޖޭގައި އިސްލާމީ ދައުވަތުގެ މަސައްކަތްކުރުމަށް ސައުދީ އަރަބިއްޔާއިން އައްޔަންކޮށްފައިވާ ދާއީންގެ ވަޒީފާއިން އަދާލަތު ޕާޓީގެ ދެ މެމްބަރުން ކަމަށްވާ ޑރ.މުހައްމަދު އިޔާޒާއި ޝައިޚް ޢަލީ ޒައިދު ވަކިކޮށްފިއެވެ.
ސައުދީ ޢަރަބިއްޔާއިން ޑރ. އިޔާޒާއި ޝައިޚް ޒައިދުއަށް ދީފައިވާ ވަޒީފާތަކުން އެ ބޭފުޅުން ވަކިކުރިކަން ދިވެހި ސަރުކާރަށްވެސް މިހާރު އަންގާފައިވާކަން ސައުދި އަރަބިޔާގެ ޚާރިޖީވުޒާރާގެ އިސްވެރިޔަކާއި ހަވާލާދީ ”ދިޔަރެސް“ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ. ޑރ.އިޔާޒާއި ޝައިޚް ޒައިދު ދާއީކަމުން ވަކިކޮށްފައިވާކަން އޮތީ އެނގިފައިކަމަށާއި، އެކަން އެނގުމުން އަލުން އެ މަޤާމު އެ ބޭފުޅުންނަށް ހޯދައިދޭންވެސް ސަރުކާރުން މަސައްކަތްކުރި ކަމަށް ސައުދި އަރަބިޔާގެ ޚާރިޖީވުޒާރާގެ އިސްވެރިޔާ ވިދާޅުވިކަމަށް އެނޫހުން ރިޕޯޓްކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުން މި ވަޒީފާއަކީ 1،000 އެއްހާ ޑޮލަރުގެ މުސާރައެއް ލިބެމުން އައި ވަޒީފާއަކަށްވާއިރު، ޑރ. އިޔާޒު އާއި ޝައިޚް ޒައިދު ވަކިކުރުމަށް ސައުދީން ނިންމާފައިވަނީ ރާއްޖޭގެ ދާޚިލީ މަސްލަހަތަށްޓަކައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ދެބޭފުޅުންނަކީ މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކޮށް ސަރުކާރުގެ މޫނުމަތި ރީތިކުރުމަށް ސޯޝަލްމީޑިއާގައި ބުރަކޮށް މަސައްކަތްކުރައްވާ ދެބޭފުޅުންނެވެ.އަދި ރައީސް އިބްރާހިމްގެ ސަރުކާރުގައި އިސްލާމްދީނަށް ވަމުންދާ އިހުމާލުތަކާއި ޢިލްމުވެރިންނަށް ކުރަމުންދާ ފުރައްސާރަތައް އެކިގޮތްގޮތުން ދިފާއު ކުރައްވަމުންދާތީ އާންމުންގެފާޑުކިޔުން އެންމެބޮޑަށް އޮތީޑރ. އިޔާޒު އާއި ޝައިޚް ޒައިދު އަށްކަން ފާހަގަކޮށްލެވެއެވެ.