ކުރީގެ އަރަބިއްޔާ އިސްކޫލާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އިންކާރުކޮށްފި

ކުރީގެ އަރަބިއްޔާ އިސްކޫލުގެ ސްޓްރަކްޗަރަލް އެސެސްމަންޓުގެ އަދާހަމަ މައުލޫމާތު އަދި ނަތީޖާ ހޯދުމަށްޓަކައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެކަމަށް އެދުމުން، އެ މައުލޫމާތު ހިއްސާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިންކާރުކޮށްފިއެވެ.
މައުލޫމާތު ލިބޭގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަރަބިއްޔާ އިސްކޫލުގެ ސްޓްރަކްޗަރަލް އެސެސްމަންޓު ހެދުމަށް ރިޔާން ކުންފުންޏާ ހަވާލުކޮށްފައެވެ. އަދި އެ މަސައްކަތް ނިންމާނެކަމަށް ބުނެފައިވަނީ ޖަނަވަރީ 2022 އަށެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަރަބިއްޔާ އިސްކޫލުގެ ސްޓްރަކްޗަރަލް އެސެސްމަންޓުގެ ނަތީޖާ ހޯދަން ހުށަހެޅުމުން، އެ މައުލޫމާތު ހާމަނުކުރަން އެ މިނިސްޓްރީގެ ރިވިއު ކޮމިޓީން ނިންމާފައިވާކަމަށް އަންގާފައިވެއެވެ.
އަރަބިއްޔާ އިސްކޫލުގެ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދަން ނިންމާފައިވަނީ އެ އިސްކޫލުގެ ކުރީގެ އިމާރާތުގައި ކިޔެވުން އެންމެ ރަނގަޅުތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށެވެ.