ޚަބަރު

”އަލްސަފާ“ ހައްޖު ގުރޫޕާއެކު މިއަދު އުމްރާއަށް ފުރަން ތިބި މީހުންގެ ދަތުރު އެންމެ ފަހު ވަގުތުގައި ކެންސަލުކޮށްފި

”އަލްސަފާ“ ހައްޖު ގުރޫޕާއެކު މިއަދު އުމްރާއަށް ފުރަން ތިބި މީހުންގެ ދަތުރު އެންމެ ފަހު ވަގުތުގައި ކެންސަލުކޮށްފިއެވެ.

މިއަދުގެ އުމްރާ ދަތުރު އެންމެ ފަހު ވަގުތުގައި ކެންސަލްކޮށްފައިވަނީ ސައުދީން އުމްރާ ވިސާ ދޫކުރާ ކުންފުނިން އެ ގުރޫޕަށް އެއްވެސް ވިސާއެއް ދޫކޮށްފައި ނުވާތީކަމަށް އަލްސަފާ ވައިބާ ގުރޫޕުގައި ލިޔެފައިވެއެވެ.

މި މެސެޖު އެ ގުރޫޕުގައި ލިޔެފައިވަނީ މިއަދުގެ ފަތިހު 5:51ގައި ކަމަށްވާއިރު އެ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔުމަށް ޓަކައި ފައިސާ ދައްކާފައިވާ އުމްރާވެރިންގެ ތެރެއިން ގިނަ ބަޔަކު ފުރުމަށް ހަމަޖައްސާފައިވަނީ މިއަދުއެވެ. ނަމަވެސް ވިސާ ދޫކޮށްފައި ނުވާތީ ފުރެން ނެތްކަމަށާއި، އެއްވެސް މީހަކު ފުރަން އެއާޕޯޓަށް ނުދިޔުމަށާއި، އަދި ދަތުރާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެކަމަށް ވެސް އެ ގުރޫޕުގައި ބުނެފައިވެއެވެ. އަދި ހަމައެއާއެކު އުމްރާވެރިންގެ ފޮށިތައް މިއަދު ހެނދުނު 10 އާއި 12 އާ ދޭތެރޭ ދޫކުރެވެމުން ދާނެކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

އެހާ ވަގުތު ކުޑަތަންވެފައި އޮއްވާ އުމްރާ ދަތުރު ކެންސަލް ކޮށްފައިވާއިރު އިއްޔެވެސް އެގުރޫޕުން ވަނީ މި އުމްރާވެރިންނާއެކު ބައްދަލުވުމެއް ވެސް ބާއްވާފައެވެ. ނަމަވެސް ވިސާ ހަމަނުޖެހި އޮތް ކަމާއި ދަތުރު ކެންސަލްކުރަން ޖެހިދާނެކަމެއް އަންގާފައިނުވެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު އަދި ހާމަވެފައިނުވާއިރު މިއަހަރު ސަފާ ގުރޫޕުން އުމްރާއަށް ދާން ރާވާފައިވާ ގޮތަށް ބަލާއިރު، މިއަދު ފުރަން ހަމަޖެހިފައި ވަނީ ރޯދަމަހުގެ ފަހު 15 ދުވަހާއި ޝައްވާލް މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް ކުރާ އުމްރާ ދަތުރެވެ. އެ ގުރޫޕުގެ ހަވާލުގައި މި އުމްރާ ދަތުރުގައި ދިއުމަށް ފައިސާ ދައްކާފައިވާ މީހުން ދަނީ އެމީހުންނަށް ލިބުނު ގެއްލުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖުމްލަ 23 ދުވަހުގެ މި އުމްރާ ދަތުރުގެ އަގަކީ 40،000ރ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button