ޚަބަރުސިޔާސީ

ސިޓީ ލީކުވުމުން ގުރުއާނުގެ އާޔަތްތައް އުނި ކުރަން ނިންމި ނިންމުން ބަދަލުކޮށްފި

ގުރުއާނުގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމި ސިޓީ ލީކުވުމުން އެ ނިންމުން ބަދަލުކޮށްފިއެވެ.

ކުރިއަށް އޮތް ދިރާސީ ދެ އަހަރަށް ޗާޕުކުރާ އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު، ގުރުއާންގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް އެންގި ސިޓީ ލީކު ކޮށްލީ އިއްޔެގެ ވަގުތެއްގައެވެ. އެކަމަކު އެކަން އެގޮތަށް ކުރަން ނިންމާފައި ނުވާ ކަމަށް ބުނެ މިނިސްޓްރީއިން ކުރިން ވަނީ ދޮގު ހަދާފައެވެ.

ސިޓީ ލީކުވުމާ ގުޅިގެން އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނިއްޖެ ކަމުގައެވެ. އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ހަތިމަށް ބެލުމަކީ ދަތި ކަމަކަށް ވާނެތީ އެ ސިޓީއަށް އަމަލު ނުކުރުމަށް ނިންމައި، ކުރިން ފޮނުވުނު ސިޓީ ބާތިލްވެސް ކޮށްފައި ކަމުގައެެވެ.

އެ ސިޓީގައިވާ ގޮތުން ގްރޭޑް 1 އިން 12 ގެ އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނި ކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޝަކީބަށް މިނިސްޓްރީ އިން އިރުޝާދު ދީފައިވެއެވެ. ސިޓީގައި ސޮއިކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ މޫސާ އާދަމެވެ.

“އާޔަތް ލިޔުއްވުމުގެ ބަދަލުގައި ގުރުއާނުގެ އާޔަތުގެ ނަންބަރު ލިޔުއްވާ ހަތިމަށް ރެފަރެންސް ދޭގޮތަށް ހަމަޖެއްސެވުން އެދެމެވެ.” ސިޓީގައި ބުނެފައިވެއެވެ.

ކުރިޔަށް އޮތް 2020 އަދި 2023 ގެ ދިރާސީ އަހަރުގެ ފޮތްތަކަށް އެބަދަލު ގެނައުމަށްވެސް މިނިސްޓްރީ އިން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން ގުރުއާން ފޮތްތަކުގައި ހުރި ގިނަ ކުށްތަކެއް ފާހަގަކުރެވުމުން ކުރީ ސަރުކާރުން ފާސްކުރި ފޮތްތަކެއް ކަމަށް ބުނެ މިނިސްޓްރީ އިން ކުރިން ދޮގު ހެދިކަންވެސް ވަނީ މި ސިޓީ އިން ފަޅާއަރާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button